ފްރާންސްގެ ވެރިރަށް ޕެރިހުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދިން ބޮމާއި ބަޑީގެ ހަމަލާތަކަށް ފަހު ޔޫރަޕްގެ ފުޓްބޯޅައިގެ ދަނޑުތަކަށް ވަނީ ބިރުވެރިކަމެއް ވެރިވެފަ އެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ މެޗުތަކެއް ކެންސަލްކުރަމުން އަންނައިރު ބޮމުގެ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރަށް ފުޓްބޯޅަ ދަނޑުތަކުގައި ދަނީ ސަލާމަތީފިޔަވަޅުތައް ވެސް ނިކަން ވަރުގަދަކުރަމުންނެވެ.
އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބުކަމުގައިވާ ބާސެލޯނާ އާއި ރިއަލް މެޑްރިޑް ލީގުގައި ވާދަކުރާ މެޗަށް ދަނީ ސަލާމަތީފިޔަވަޅުތައް ނިކަން ވަރުގަދަކުރަމުންނެވެ. މި އެލްކްލެސިކޯ މެޗު ބަލަން ދަނޑަށް ވަންނަ މީހުން ބަލައި ފާސްކުރާއިރު އެމީހުން ދަނޑަށް ވައްދާ ތަކެތި ބެލުމުގެ ވަރުގަދަ ހަރަކާތެއް ވެސް ކުރިއަށް ގެންދާނެ އެވެ.
މި ހާއްސަ ހަރަކާތުގައި ބަލައި ފާސްނުކުރާނެ އެއްޗެއް ނޯންނާނެ ކަމަށާއި ކާން ގެންދާ ސޭންޑްވިޗު ވެސް ބަލައި ފާސްކުރާނެ ކަމަށް ސަލާމަތީ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ މެޑްރިޑްގެ ހިތްގައިމު ސްޓޭޑިއަން ސަންތިއާގޯ ބާނަބިއުގައި ކުޅޭ މި މެޗަކީ ދުނިޔޭގައި މި ވަގުތު ތިބި އެންމެ ހުނަރުވެރި އަދި އެންމެ އަގުބޮޑު ކުޅުންތެރިން ފެނިގެންދާނެ މެޗެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އަނިޔާގައި މިވަގުތު ހުރި ބާސާގެ ތަރި ލިއޮނަލް މެސީ ވެސް މެޗަށް ފިޓްވާނެ އެވެ.