އަފްޣާނިސްތާންގެ އަވަށްތައް ތާލިބާނުން އަތުލަމުން އަންނައިރު ތާލިބާނުންނަށް ފިލަން ބޯޑަރު ހުރަސްކޮށް އަވަށްޓެރި ގައުމުތަކަށް ވަންނަ މީހުންގެ އުނދަގޫ އޮތީ ޖެހިފަ އެވެ. އަފްޣާންއާ އިންވެގެން އޮތް ކޮންމެ ގައުމަކަށް މި އުނދަގޫ އޮތީ ޖެހިފަ އެވެ.
ޕާކިސްތާންގެ އިންޓާ ސާވިސް ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރު، މޭޖާ ޖެނެރަލް ބަބަރު އިފްތިހާރު ވިދާޅުވި ގޮތުން ބޯޑަރުގެ ސެކިޔުރިޓީ ވަރުގަދަ ކުރަން ބިޔަ ޕްރޮޖެކްޓެއް ވަނީ ހިންގާފަ އެވެ. އޭނާ ވިދާޅުވީ ޕާކް-އަފްޣާން ބޯޑަރުގެ 90 ޕަސެންޓްގައި ފެންސްޖަހައި ބަންދު ކޮށްފައިވާ ކަމަށެވެ.
އޭއާރުވައި ނިއުސް ޗެނަލަށް އިފްތިހާރު ވިދާޅުވި ގޮތުން ޕާކިސްތާނުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އޭނާ ވިދާޅުވީ އަފްޣާން ދޫކޮށް އަވަށްޓެރި ގައުމުތަކަށް ވަންނަ މީހުން މިދުވަސްކޮޅު ގިނަވާނެ އެވެ. ރެފިއުޖީންގެ އުނދަގޫ ވެސް ޖެހޭނެ އެވެ.
އަފްޣާނިސްތާން ބެލެހެއްޓުމުގެ ނަމުގައި 20 އަހަރާ ގާތް ކުރަންދެން އެ ގައުމަށް އަރާ ތިބި ސިފައިން ފައިބައިގެން ދާއިރު ތާލިބާނުންގެ ހަމަލާތައް އަވަށްޓެރިންނަށް އަމާޒުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. މީހުން ކިޑްނެޕް ކުރުމާއި ވަގަށް ނެގުން އަދި ލާއިންސާނީ ޖަރީމާތައް ގިނަވާނެ ކަމަށް ވެސް އޮތީ ބެލެވިފަ އެވެ.
އެމެރިކާއާ ނޭޓޯ އަދި ޔޫރަޕާއި އިނގިރޭސިން އަފްޣާނިސްތާނަށް އެރީ ތާލިބާނުން ބަލި ކުރަން ފޫގަޅައިގެންނެވެ. ޓެރަރިޒަމް ފޮހެލަން އަންބާ ކިޔަމުންނެވެ. އެހެން ނަމަވެސް އެހާ ގިނަ ދުވަހު ތިބެ ފައިބައިގެން ދާޢިރު ތާލިބާނުންގެ އާރާއިބާރު އިހުނަށް ވުރެ އޮތީ ގަދަ ކޮށްފަ އެވެ.
ރަޝިއާގެ ފޮރިން މިނިސްޓާރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުގައި ރައިސް ޕޫޓިން ވެސް ގެންދަވަނީ އަފްޣާނަށްވާ ގޮތް ބައްލަވަމުންނެވެ. އޭޝިއާ ގައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައި އަފްޣާނަށް ދެހެމެއްޓެނިވި ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވަމުންނެވެ.
ތާލިބާނުން މިހާރު ތިބީ އުޒްބެކިސްތާނާއި ތަޖިކިސްތާން އަދި އީރާންގެ ބޯޑަރު ސަރަހައްދު ވަރަށް ރަނގަޅަށް ކޮންޓްރޯލް ކޮށްގެނެވެ. މަޝްރަހު މިހާރު އޮތް ގޮތުން ބެލެވެނީ މުޅި އަފްޣާން އެމީހުންގެ ބާރުގެ ދަށަށް ގެންދާނެހެނެވެ.