ޔުކްރޭންގެ މައިސަރުކާރުން ވަކިވެގަނެ އަމިއްލަ ވެރިކަމެއް އިއުލާންކޮށްގެން ތިބި ޑޮނެސްކާއި ލުހާންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިން އިއުލާން ކުރެއްވުމާ ގުޅިގެން ނޭޓޯ އުތުރި އަރައިގަތެވެ.
ޔުކްރޭންގެ ދޮންބާސް ސަރަހައްދުގެ ދެކޮޅު -- ޑޮނެސްކާއި ލުހާންސްކްގައި ސުލްހަ ބެލެހެއްޓުން ރަޝިއާގެ އަސްކަރިއްޔާއާ ޕޫޓިން ހަވާލުކުރެއްވުމާ ގުޅިގެން އެމެރިކާއާ އާއި ނޭޓޯ އެއްއަޑަކުން ރަޝިއާ ކުށްވެރިކޮށް އަދަބު ދިނުމަށް މުޅި ދުނިޔެއަށް ގޮވާލި އެވެ.
ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)
ތާރީޚީ ސަފުހާތަކުން މިހާރު ފެންނަން އޮތް ފިނިހަނގުރާމައިގެ ދުވަސްވަރު، 1949 ގައި ސޯވިއެޓް ޔޫނިއަންއާ ކުރިމަތިލުމަށް އެމެރިކާއާ ގުޅިގެން ހުޅަނގުން "ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން" (ނޭޓޯ)ގެ ނަމުގައި ޖަމާއަތެއް އުފެއްދި އެވެ.
ސޯވިއެޓް ޔޫނިއަން ބަލިކަށިވެ ރޫޅިގެން ދިއުމުން ވެސް ނޭޓޯ އެގޮތުގައި އަދި އެއަށް ވުރެ ގަދަހާލުގައި ދެމިއޮތެވެ. އޭގެ އިތުރުން ޕޮލޭންޑާއި ހަންގޭރީ، ރޮމޭނިއާ އަދި ބަލްގޭރިއާ ފަދަ ދައުލަތްތައް ބައިވެރިކޮށް ޖަމާއަތުގެ ހައިސިއްޔަތު ފުޅާކުރަމުން ގެންދިޔަ އެވެ.
ނޭޓޯ ހިންގަނީ އެމެރިކާއިންނެވެ. އެމެރިކާ ކުރާ ކަމަށް ފާޑުކިޔުމަކީ މެމްބަރު ގައުމަކަށް އޮންނަ އިޚްތިޔާރެއް ނޫނެވެ. އެގޮތުގައި ނޭޓޯ މުޅި ދުނިޔެއަށް ނުފޫޒު ފޯރުވައި ބައިނަލްއަގްވާމީ ފުލުހުންގެ ދައުރު އަދާކުރަން ފެށި އެވެ. އެކަމަކު އެއީ އެއްވެސް ބައެއްގެ ހުއްދައެއް އޮވެގެނެއް ނޫނެވެ. ގަދަބާރުންނެވެ.
ޔުގޮސްލޭވިއާ -- 1999
ކޮސޮވޯ ހަަނގުރާމައިގައި، މާޗް-ޖޫން 1999އާ ދެމެދު ނޭޓޯގެ އަސްކަރީ ފައުޖުތަކުން ޔޫގޮސްލޭވިގެ އަމާޒުތަކަށް ފަނާކުރަނިވި ހަމަލާތަކެއް ދިނެވެ.
ހިއުމަން ރައިޓް ވޮޗް ބުނާ ގޮތުން އެ ހަމާތަކުގައި 500 އަށް ވުރެ ގިނަ އާންމުން މަރުވި އެވެ. ޔޫގޮސްލޭވިއާގެ އިދާރާތަކުން ބުނާ ގޮތުން 2،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ކޮސޯވޯ ހަނގުރާމައިގައި ނޭޓޯގެ ފައުޖުތައް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ހުރިކަން ވަނީ ސާބިތުވެފަ އެވެ. އެހެން ނަމަވެސް ނޭޓޯގެ ވެރިންނަށް އަދަބު ކަނޑައެޅުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިފައެއް ނުވެ އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި އެއިރު ހުންނެވި ޓޯނީ ބްލެއާ ވިދާޅުވި ގޮތުން ނެޓޯ ހަމަލާދިނީ ސައްހަ މަގާމުތަކަށެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ބެލި ބެލުމުން ނޭޓޯއިން ގަސްދުގައި އާންމުންނަށް ހަމަލާދީ މީހުން މެރިކަން ވަނީ ސާބިތުވެފަ އެވެ.
ބާރުދަގަ ގައުމުތަކުން ނިންމާފައިވާ ގޮތުން އެއިން އެއްވެސް ހަމަލާއަކަށް ނޭޓޯ ޒިންމާވާކަށް ނުޖެހެ އެވެ.
އަފްޣާނިސްތާން -- 2001
އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ސެޕްޓެމްބަރު 2001ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން "އިންޓަނޭޝަނަލް ސެކިޔުރިޓީ އެސިސްޓޭންސް ފޯސް" (އައިއެސްއޭއެފް)ގެ ނަމުގައި ސެކިޔުރިޓީ ބައިގަނޑެއް އުފެއްދި އެވެ.
އިންޓަނޭޝަނަލް ސެކިޔުރިޓީ އެސިސްޓޭންސް ފޯސް ހިންގުމުގެ ޒިންމާއާ ހަވާލުކޮށްފައި އޮތީ ނޭޓޯއާ އެވެ. އެހެން ނަމަވެސް މިބައިގަނޑުގެ ނަން ފަހުން ރިޒޮލޫޓް ސަޕޯޓް މިޝަން (އާރުއެސްއެމް) އަށް ބަދަލުކުރި އެވެ.
އދ.ގެ ސަލާމަތާ ބެހޭ ކައުންސިލްގެ ރިޒޮލިއުޝަން 2189 އިން ލިއްބައިދޭ ހުއްދައިގެ ދަށުން އާރުއެސްއެމް އަށް ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދައެއް ނޯވެ އެވެ. އެހެން ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން އަފްޣާންގައި އަދި ވެސް ނޭޓޯއިން ގެންދަނީ ސިއްރިއްޔާތުގައި ޖަރީމާތައް ހިންގަމުންނެވެ.
އީރާގު -- 2003
އީރާގަށް އަރައިގަތުމަށް އެމެރިކާ ދަހިވެތިވެފައި އޮތް މިންވަރުން ދުނިޔެއަށް އޮޅުވާލާނެ ގޮތެއް ނޭޓޯއާ ގުޅިގެން އުފެއްދި އެވެ. އދ.ގެ ސަލާމަތާ ބެހޭ މަޖިލީހުގައި -- ސެޓެލައިޓް ފޮޓޯތަކެއް ކަމަށް ބުނެ -- ފޭކް ސްލައިޑްތަކެއް ދައްކައި، އީރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާއިން މުޅި ދުނިޔެއަށް ދޮގު ހެދި އެވެ.
އދ. އަށް ދޮގު ހަދައި އެމެރިކާގެ ނަގުލުގައި ހިފަހައްޓައިގެން ނޭޓޯގެ ގައުމުތަކުން އީރާގަށް އަރައި، ވަޔާއި އެއްގަމުން ބޮންއަޅައި މުޅި ގައުމު ސުންނާފަތި ކުރިއިރުވެސް އެމީހުން ބުނި ފަނާކުރަނިވި ހަތިޔާރެއް ނުފެނުނެވެ. އެކަމަކު މުޅި ސަރަހައްދު މިހާރު އެ އޮތީ ހަނގުރާމަވެރިންގެ ހާއްޔަކަށްވެ މިއިން ޒަމާނަކު ސާފުނުކުރެވޭ ވަރަށް ޚަރާބުކޮށްފަ އެވެ.
ޕާކިސްތާން ބޯޑަރަށް ދިން ހަމަލާ -- 2011
ނޭޓޯގެ ހެލިކޮޕްޓަރަކުން ނޮވެމްބަރު 2011 ގައި ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދުގައި ހުރި ޗެކްޕޮއިންޓަކަށް ހަމަލާދީ 28 މީހުން -- ޕާކިސްތާން ސިފައިން މަރާލި އެވެ.
ޕާކިސްތާން ސިފައިން ބުނި ގޮތުން ހަމަލާދިނުމަށް ނޭޓޯއަށް ހުއްދަ ދީފައެއް ނުވެ އެވެ. އެއީ ޣައިރު ގާނޫނީ ހަމަލާއެކެވެ. އެކަން ހިނގައި ދިޔަ ގޮތް ބަލާނެ ކަމަށް ބުނުމުގެ އިތުރުން އަދި އަދަށް ދާންދެން ވެސް ނޭޓޯއިން އެެކަމާ ގުޅުން ހުރި ވާހަކައެއް ވެސް ދައްކާފައެއް ނުވެ އެވެ.
ލީބިއާ -- 2011
ލީބިއާގައި ހަނގުރާމެއް ފަށާނެ ގޮތެއް އެމެރިކާ އާއި ނޭޓޯ އަޑީގައި އޮވެ އުފަންކުރި އެވެ. އެއަށް ފަހު ނިމުމެއް ނެތް ދާޚިލީ ހަނގުރާމައަކަށް މުޅި ގައުމު ވައްޓާލި އެވެ.
ލީބިއާ ސަރަހައްދުގައި އުދުހުން މަނާ ސަރަހައްދެއް ނޭޓޯއިން ގާއިމުކޮށް ލީބިއާގައި ވަކި ބަޔަކު ހަތިޔާރު ގެންގުޅުން މަނާކުރި އެވެ. މިއީ އެއްވެސް ބަޔަކު ބުނެގެން ކުރި ކަމެއް ނޫނެވެ. ނޭޓޯއިން އަމިއްލައަށް އިސްނަގައިގެން، އެމީހުންގެ އެޖެންޑާއެއް ހާސިލުކުރަން ކުރި ކަމެކެވެ.
ލީބިއާގެ ދާޚިލީ ހަނގުރާމައިގައި ނޭޓޯއިން ހިތްވަރުދިން ބާޣީ ސިފައިން ވަނީ އެއިރު ވެރިކަމުގައި ހުންނެވި މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލާފަ އެވެ.
ލީބިއާ ހަނގުރާމައަށް 10 އަހަރު ވެގެންދިޔައިރު ލީބިއާ އޮތީ ކުނިގޮނޑަކަށް ހަދާފަ އެވެ. އެތައްހާސް ބަޔަކު މަރުވެ އަދަދުކުރަން ނޭނގޭ ވަރަށް އާންމުން ވަނީ ބިކަވެފަ އެވެ. އެމެރިކާ އާއި ނޭޓޯ އަތްޖަހާފައި ހެނީ އެވެ.
ނޭޓޯ އުފަންވި ފަހުން ދުނިޔޭގައި މިގޮތުން ހިނގާ ދިޔަ ހުރިހާ ހަމަނުޖެހުމެއް އުފަންކުރުމުގައި އެމެރިކާ އާއި ނޭޓޯ ބައިވެރިވެފައިވެ އެވެ.
ސީރިއާ ހަނގުރާމައިގައި ވެސް އެމެރިކާ އާއި ނޭޓޯއިން އިންސާނިއްޔަތާ ޚިލާފު ގިނަ އަމަލުތަކެއް ހިންގާ ސީރިއާ އާއި އެހެންވެސް ބައެއް އިސްލާމީ ދައުލަތްތަކުގެ ގުދުރަތީ ވަސީލަތްތަކުން ވައްކަންކޮށްފައިވެ އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަދިވެސް ސީރިއާ ސަރަހައްދުގައި އެބަ ތިއްބެވެ. އެމީހުން މިހާރު ވެސް ކުރާ ކަމަކީ އަރަބި ބިންތަކުން ވަގަށް ތެޔޮ ނަގައި ބޮޑުއަގުގައި ވިއްކުމެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު ހިނގާ ހަނގުރާމައިގައި ވެސް އެންމެ ބޮޑު ގޯހެއް ހަދާފައިނީ ނޭޓޯ ބޮލަށް ވަދެގެން އެމެރިކާ އާއި އިނގިރޭސިންނެވެ. އެކަމަކު ހުރިހާ ނުބައެއް އެމީހުން އަޅުވަން ބޭނުންވަނީ ރަޝިއާ ބޮލުގަ އެވެ.