ދުނިޔެ

ކިމް، ޝީ ދެ ގައުމުގެ ގުޅުން ބަދަހިކުރަނީ

ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް ދެމެހެއްޓުމަށް 1961 ގައި ޗައިނާއާ ނޯތު ކޮރެއާ ސޮއިކުރި އެއްބަސްވުމަށް އިތުރު އަހަރެއް ފުރުން ފާހަގަކޮށް އިހުނަށް ވުރެ ގުޅުން ހަރުދަނާ ކުރަން ޝީ ޖިންޕިންއާ ކިމް ޖޮންގް އުން އެއްބަސްވެ ވަޑައިގެންފި އެވެ.

ކޮރެއާގެ ސެންޓްރަލް ނިއުސް އޭޖެންސީން ބުނީ ޗައިނާއާ ނޯތު ކޮރެއާއަކީ އަބަދު ވެސް ގާތް ދެ ގައުމު ކަމަށާއި ދެ ލީޑަރުން ބައްދަލު ކުރައްވައި ހަނދާން އާ ކޮށްލެއްވީ ކަމަށެވެ.

ކިމް ޖޮންގް އުން ވިދާޅުވި ކަމަށް ނޫސް އޭޖެންސީ ބުނީ ބައިނަލްއަގުވާމީ މަޝްރަހުގައި ނޯތު ކޮރެއާއާ މެދު ގޮތް ނޭނގޭ ވާހަކަތަކެއް ދެއްކި ނަމަވެސް ޗައިނާއާއެކު އޮތީ އިތުބާރު އޮތް ފުރިހަމަ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ދުވަހެއް ދުވަހަކަށް ވަނީ ބަދަހި ކަމަށެވެ.

ކިމް ވިދާޅުވީ އޭޝިއާ، އޭޝިއާގެ ގޮތުގައި ބޭއްވުމަށް ޗައިނާގެ ދައުރު މުހިންމު ކަމަށާއި ނޯތު ކޮރެއާ އޮތީ ޗައިނާއާއެކުގައި ކަމަށެވެ. ޗައިނާއާ ނޯތު ކޮރެއާއާ ބާރު ގަދަ ގައުމުތަކުން ޖައްސާލައިގެން އުޅޭ ކަމަށާއި އެއީ އެބައެއްގެ ފުންދުންތެރިކަން ހުރިވަރު ކަމަށެވެ.

ނޯތު ކޮރެއާގައި ހުންނަވާ ޗައިނާ އެމްބެސެޑަރު މި އަހަރު ޖޫންގައި ދެއްކެވި ވާހަކަތަކުން ވެސް ޗައިނާއާ ނޯތު ކޮރެއާ އަޑިނޭނގޭ ގުޅުންތަކެއް އޮންނަކަން އެނގުނެވެ. ޗައިނާ ބުނާހާ ގޮތެއް ނޯތު ކޮރެއާ ހަދަނީ ކީއްވެ ކަމާ މެދު ގައުމުތަކުން ސުވާލު އުފައްދަ އެވެ. މިކަމަށް އިޝާރާތް ކުރައްވައި ކިމް ވިދާޅުވީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗައިނާއާ ނޯތު ކޮރެއާ ކައިރި ކަމަށެވެ.