ދުނިޔެ

އެމެރިކާއާ ބައިވެރިވެގެން ތިޔަ ހަދަނީ ގޯހެއް: އުތުރު ކޮރެއާ

ދެކުނު ކޮރެއާ އާއި ޖަޕާނަށް ހަނދާންކޮށް ދިނުމުގެ މަގުސަދުގައި އުތުރު ކޮރެއާއިން ނަސޭހަތެއް ދީފި އެވެ.

އެމެރިކާއާ ބައިވެރިވެގެން ދެކުނު ކޮރެއާ އާއި ޖަޕާނުން މުޅި ސަރަހައްދަށް ބިރުވެރިކަން ފަތުރަން ކުރަމުން ގެންދާ އަސްކަރީ ފަރިތަކުންތަކަކީ އުތުރު ކޮރެއާ ބުނާ ގޮތުގައި ދެކުނު ކޮރެއާ އާއި ޖަޕާނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ދުޝްމަނުންނަށް [އެމެރިކާއަށް] ދައުވަތުދީގެން ސަރަހައްދީ ދިފާއީ ބާރެއް ގާއިމުކުރަން ކުރާ މަސައްކަތްތަކަށް ރައްދުދެވޭ ފެންވަރަށް އުތުރު ކޮރެއާގެ އަސްކަރީ ގާބިލުކަން ތަރައްގީކުރާނެ ކަމަށް އުތުރުން އޮތީ ބުނެފަ އެވެ.

ކޮރެއާ، ޖަޕާން ސަރަހައްދުގައި އެމެރިކާގެ ޝާމިލުވުން ދެމިއޮތްހައި ހިނދަކު، އަސްކަރީ ބާރުވެރިކަން ހޯދަން އުތުރު ކޮރެއާ ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް އެ ގައުމުން އޮތީ ބުނެ ވައުދުވެފަ އެވެ.

އުތުރު ކޮރެއާއިން މިދާކަށް ދުވަހު ޖަޕާން މަތިން ބެލިސްޓިކް މިސައިލެއް ފޮނުވާލި މައްސަލާގައި ދެކުނު ކޮރެއާ އާއި ޖަޕާން އޮތީ ވަރަށް ރުޅިގަދަވެފަ އެވެ. އަދި އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކުން ދިފާއުވާނެކަން ދެއްކުމަށް އެމެރިކާއާ ބައިވެރިގެން އަސްކަރީ ފަރިތަކުރުންތައް ވަނީ ބާއްވާފަ އެވެ.

ހަގީގަތުގައި އުތުރު ކޮރެއާ ރުޅިގަދަވަނީ އަސްކަރީ ފަރިތަކުރުން ތަކުގައި އެމެރިކާ ބައިވެރިކުރާތީ އެވެ. އަދި ދެކުނު ކޮރެއާ އާއި ޖަޕާންގެ ރުހުމުގައި -- އެ ދެގައުގެ ފަސްގަނޑުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބިނާކޮށް ސިފައިން ޖަމާކުރަމުން ގެންދާތީ އެވެ.

އުތުރު ކޮރެއާގެ އިންޒާރުގައި ޖަޕާންގެ ނަންގަނެފައި އޮތް ނަމަވެސް ހަގީގަތުގައި އުތުރު ކޮރެއާގެ ރުޅިވެރިކަން އޮތީ ދެކުނު ކޮރެއާ އަށެވެ.

އުތުރާއި ދެކުނަކީ ޒަމާނުއްސުރެ ހަސަދަވެރި ދެ ގައުމެވެ.

ކޮރެއާ ހަނގުރާމައަށް ފަހު ދެ ކޮރެއާ ދެމެދުގައި ވަގުތީ އިމެއް ގާއިމުކޮށް މެރިޓައިމް ބޯޑަރުތައް ވަނީ ކަނޑައަޅާފަ އެވެ.

މިހެން ކަން އޮތް ނަމަވެސް، ދެ ކޮރެއާ ދެމެދުގައި ހާލަތު ފުށުއެެރުމުގައި އަބަދުވެސް އިސްވެ އަމަލުކުރާތައް ފެންނަނީ އުތުރު ކޮރެއާއިންނެވެ.

މިއީ އެމެރިކާ އާއި ދެކުނު ކޮރެއާ ފޮރުވިގެން ތިބެ އުތުރު ކޮރެއާ ރުޅިއެރުވުމުގެ ސަބަބުން ހިނގާ ކަމެއްކަން އާންމު ގޮތެއްގައި ނޭނގެ އެވެ.

ދެކުނު ކޮރެއާގެ އައްސޭރިފަށާ ވަރަށް ގާތަށް ބެލިސްޓިކް މިސައިލެއް އުތުރު ކޮރެއާ ފޮނުވާލި މައްސަލަ ހޫނުވެފައި ވަނިކޮށް -- އުތުރު ކޮރެއާއިން އަނެއްކާ ވެސް މިވަނީ ދެކުނު ކޮރެއާއަށް ދޭ ނަސޭހަތެއް ކަމަށް ބުނެ އިންޒާރުދީފަ އެވެ.

އުތުރު ކޮރެއާގެ ބުނުމަކީ އެމެރިކާއާ ބައިވެރިގެން އަސްކަރީ ފަރިތަކުރުންތައް ފުޅާކުރަން ދެކުނު ކޮރެއާ ވިސްނާ ނަމަ އުތުރު ކޮރެއާއިން ފޮނުވާ ރޮކެޓްތައް ވެސް އިތުރުވާނެ ކަމެވެ.