ކޮމިޝަނަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް ހުއްޓިފައިނު ވާ ކަމަށާއި ހުރިހާ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީ އަށް ހުށަހެޅޭ ހުރިހާ މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް މާލޭގެ ކޯޓުތަކުގައި ބޮޑެތި މައްސަލަތައް ބަލަމުން ގެންދާ ބައެއް ގާޒީންގެ މައްސަލަތައް ޖޭއެސްސީގެ ތެރެއިން ނުނިމި ލަސްވުމަކީ ބައެއް އާންމުންގެ ޝަކުވާއެކެވެ.
މިކަމާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ކޮމިޝަނަށް ހުށަހެޅޭ އެއްވެސް މައްސަލައެއް ނުބަލައި އަދި ކުރިއަށް ނުގޮސް ހުއްޓިފައި ވެސް ނޯންނާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މައްސަލަތައް ލަސްވަނީ ހެކި ހޯދުމާއި ކަމާގުޅޭ ލިޔެކިޔުންތައް ހޯދުން ލަސްވާތީ ކަމަށެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުގެ ބަޔާން ނެގުމުގައި ބައެއް ފަހަރު ލަސްވާ ކަމަށާއި އަދި ހާއްސަކޮށް ކޮވިޑް-19ގެ މިހާލަތުގައި އެފަރާތްތަކުގެ ބަޔާން ނަގަން އުނދަގޫވާ ކަން ފާހަގަކުރެއްވި އެވެ.
ޖޭއެސްސީން ގާޒީންގެ ބޮޑެތި މައްސަލަތަކެއް ގެންދަނީ ބަލަމުންނެވެ. މީގެތެރޭގައި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ގެންދަނީ ބަލަމުންނެވެ. އެ މައްސަލަ އާއި ގުޅިގެން ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލަ ވެސް އެ ކޮމިޝަނަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ދެ މައްސަލައެއް ވެސް ގެންދަނީ ބަލަމުންނެވެ. މީގެތެރެއިން އެއް މައްސަލަ އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރު ނެރުނު މައްސަލަ އެވެ. އަނެއް މައްސަލަ އަކީ އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ އަކަަށް ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރުގެ ތެރޭގައި ފެމިލީ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލަ އެކެވެ.
ޖޭއެސްސީ އަށް ހުށަހެޅޭ ބައެއް މައްސަލަތައް ވަރަށް އަވަހަށް ނިންމާ، ބައެއް ގާޒީންނާ މެދު ވަރަށް އަވަހަށް ފިޔަވަޅު އަޅާފައިވާ ކަންވެސް ބައެއް އާންމުން ފާހަގަކުރެ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމާއި އެ ކޯޓުގެ ކުރީގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ވަރަށް ބާރަށް ޖޭއެސްސީން ކުރިއަށް ގެންގޮސްފައިވެ އެވެ.