ހީލަތް

ހިޔާ ފްލެޓް ލިބުނު ކަމަށް ބުނެ ފޭކް ކޯލް ތަކެއް ކުރަނީ

ހިޔާ މަޝްރޫއުން ފްލެޓު ލިބިފައިވާ މީހުނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަން ފަށައިފި އެވެ.

ފްލެޓު ލިބިފައިވާ މީހުންނަށް އެޗްޑީސީން ގުޅާ ކަމަށް ބުނެ އާންމުން ހުށަހަޅަމުންދާ ޝަކުވާތަކާއި ގުޅިގެންން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ލިބުނު މީހުނަށް ގުރުއަތުން ލިބޭ ފްލެޓު ކަނޑައެޅުމަށް ފަހު ބާކީވެފައިވާ ފުލެޓްތަކަށް ހޮވިފައިވާ ކަމަށް ބުނެ އެއްވެސް މީހަކަށް އެ ކޯޕަރޭޝަނުން ނުގުޅާ ކަމަށެވެ.

ފުލެޓަށް ހޮވިފައިވާ މީހުނަށް ލިބޭ ފްލެޓް ކަނޑައެޅުމަށް އެޗްޑީސީން އަމަލު ކުރާ އުސޫލު ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އެޗްޑީސީން އަމަލު ކުރާ ގޮތަކީ ފްލެޓް ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީހު އަދި އެ ދުވަހެއްގެ ގުރުއަތުގައި ފްލެޓު ކަނޑަ އެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިއުލާނު ކުރުމަށް ފަހު، ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުމެވެ.

ގުރުއަތުން ފުލެޓު ލިބިފައިވާ މީހުންނާއި، ފުލެޓު ލިބިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފުލެޓުގެ ތަފްސީލު ހިއްސާ ކުރަން ނުގުޅާނެ އެވެ. އަދި ހިޔާ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިއުލާނެއްގެ ޒަރިއްޔާއިންނެވެ.

އެ ބަޔާނުގައިވާ ގޮތުން އެޗްޑީސީން ގުޅާނަމަ ބޭނުން ކުރާނީ ރަސްމީ ނަންބަރުތަކެވެ. އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލުތަކަށް ސަމާލުވުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

ހިޔާ މަޝްރޫގެ ދަށުން އިމާރަތް ކޮށްފައިވަނީ 25 ބުރީގެ 16 ޓަވަރެވެ. ފްލެޓްތައް ލިބުނު މީހުނަށް މިމަހުގެ 14 ވަނަ ދުވަހުގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ނިންމާފަ އެވެ