މޯލްޑިވްސް ޕޮލިސް ސާވިސް

ހިޔާ ފްލެޓްތައް ބަލަހައްޓަން 56 ފުލުހުން ބޭނުންވޭ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 56 ފުލުހުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި 35،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.


ސީޕީ ވިދާޅުވީ ހިޔާ ފްލެޓްގެ އާބާދީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 56 ފުލުހުން މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށެވެ. އެވަރަށް ފުލުހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭނެ ކަމަށް ލަފާކުރާ އާބާދީއަށް ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާނެ ފުލުހުންނާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

"ހަތަރު ވަނަ ޓަވަރުން ޖާގަ ލިބިފައިވަނީ އެ ތަނުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް. އެ މަސައްކަތް ވަނީ ފަށާފައި" ހަމީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ގޮތްތަކާ އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއެކު ކުރިމަތިވެދާނެ މައްސަލަތަކާ ގުޅިގެން އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމައި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

"މިހާރު އެ ސަރަހައްދުގައި ބައެއް އާއިލާތަކުން ދިރިއުޅެން ފަށައި އަދި ބައެއް އާއިލާތަކުން ދިރިއުޅެން ފަށަން ތައްޔާރުވަމުން ދަނީ. ފްލެޓުތަކުގައި ކުރެހުމާއި އެ ސަރަހައްދުން ވައްކަން ކުރުން ފަދަ ކަންކަން މިހާރު ވެސް ދިމާވޭ. ހުޅުމާލެ ޕޮލިހާ ގުޅިގެން އެފަދަ ކަންކަން ބަލައި ރައްޔިތުންނަށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދެމުން ދަނީ." ސީޕީ ހަމީދު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި މަދު ބަޔަކު މިހާރު ދިރިއުޅެން ފަށާފައިވާއިރު އެތަނުގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.