އެޗްޑީސީ

ހިޔާ ފްލެޓްތައް ހަވާލުކުރާއިރު ހުންނާނީ އިންޓަނެޓު ނެޓްވޯކް އަޅާފަ

އެޗްޑީސީން ހިޔާގެ 7000 ފްލެޓުތަކުގައި ފައިބާ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އޮޕްޓިކަލް ނެޓްވޯކް ޓާމިނަލަކީ ފައިބާ ޓު ހޯމް ކަނެކްޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ވަސީލަތެކެވެ.

މި މަޝްރޫއުއަކީ އެޗްޑީސީން މިހާރު ކުރިއަށް ގެންދާ ސްމާޓް ސިޓީ އިނިޝިއޭޓިވްގެ މުހިންމު މަރުހަލާއެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެޗްޑީސީން ބުނީ އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފައިބާ ޓު ހޯމް ނެޓްވޯކް ހުރުމުން އަވަހަށް އިންޓަނެޓްގެ ހިދުމަތުގެ ސެޓަޕް ހަދައި ހިދުމަތް ބޭނުން ކުރަން ފެށޭނެ ކަމަށެވެ. ހިޔާ ފްލެޓްތަކަކީ ވަރަށް ގިނަ ފްލެޓް ނުވަތަ ގޭބިސީ އެކުލެވޭ ތަނެއްކަމުން ކޮންމެ ފްލެޓަކަށް ވަކިން ކޭބަލް އެޅުމަކީ އުނދަގޫ މަސައްކަތެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.

މިފަދަ ނެޓްވޯކެއް ގާއިމްވެފައި އޮތުމުން ހިދުމަތްދޭ ފަރާތްތަކަށް އިތުރު ދަތިތަކަކާ ނުލައި ގިނަ ފަރާތްތަކަށް އަވަހަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެކޯޕަރޭޝަނުން ބުނެ އެވެ.

އޮޕްޓިކަލް ނެޓްވޯކް ޓާމިނަލަކީ ފައިބާ ނެޓްވޯކްގައި މޮޑެމެއް ފަދައިން އިންޓަނެޓް ސާވިސް ފޯރުކޮށްދޭ ފަރާތްތަކާ ގުޅުވައިދޭ ވަސީލަތެކެވެ.

އެޗްޑީސީން ދެކޭގޮތުގައި މިފަދަ ފައިބާ ޓު ހޯމް ނެޓްވޯކެއް މުޅި ހުޅުމާލެ ސިޓީގައި ގާއިމުކުރުމަކީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް އެޅޭ މުހިންމު ބިންގަލެކެވެ.