ޕޮލިޓިކްސް

ކަމާލުއްދީން އިސްވެ "އެންއެސްޕީ" އުފައްދަން ހުށައަޅައިފި

"މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން އެވެ.

ކަމާލުއްދީން މިއަދު ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން ބާރުވެރި ކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔަ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް އެބަހުރި ކަމަަށެވެ. އިސްލާމްދީނަށް ނަސްރު ދީ ގައުމުގެ ސިޔާދަތު ދަމަހައްޓާ ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރަން އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށެވެ.

އެގޮތުން އޭނާއާ އެއް ހިޔާލުގެ އަދި އެއް ފަލްސާއެއްގައި މަސައްކަތް ކުރެވޭނެ މީހުންގެ ލަފާގެ މަތިން "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށައަޅާފައިވާ ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ. ޕާޓީއާ ގުޅޭ އިތުރު މައުލޫމާތު އިލެކްޝަންސްގެ ހުއްދައަށް ފަހު ހާމަކުރާނެ ކަމަށް ވެސް ކަމާލުއްދީން ވިދާޅުވި އެވެ.

ކަމާލުއްދީން މީގެ ކުރީން ހުންނެވީ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ އެ ޕާޓީ ދޫކޮށްލެއްވީ މިދިޔަ މަހުގެ 29 ގައެވެ.

"މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔާޑް މުހައްމަދު ނާޒިމް ވެސް ވަނީ ޕާޓީއެއް އުފައްދަވަން ނިންމަވާ އެ މަސައްކަތް ފައްޓަވާފަ އެވެ. ސިޔާސީ މައިދާނަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ވެސް މިހާރު ވަނީ ހަމަ ކޮށްފަ އެވެ.