އަބްދުﷲ ކަމާލުއްދީން

އެންއެސްޕީ ނޮވެމްބަރުގައި ރަޖިސްޓްރީ ކުރަން ހުށަހަޅަނީ

ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އިސްކޮށް ހުންނަވައި އުފައްދަން މަސައްކަތް ކުރާ ނެޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އަންނަ ނޮވެމްބަރު މަހު ރަޖިސްޓްރީ ކުރަން ހުށަހެޅުމަށް ނިންމައިފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ވިދާޅުވީ ޕާޓީ އުފައްދަން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްތައް ހިނގަމުން އަންނަ ކަމަށެވެ. އިލެކްޝަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ 3000 ސޮއި ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. ސޮއި ހޯދުމަށް ދީފައިވާ ތިން މަސް ތެރޭގައި އެ އަދަދު ހަމަކޮށް ނޮވެމްބަރުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާނަން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީއަށް މިހާތަނަށް ސޮއި ކޮށްފައިވާ މީހުންގެ އަދަދު މިވަގުތު ހާމަކުރަން ދަތި ކަމަށެވެ. އެންއެސްޕީއަށް މިހާތަނަށް ރައްޔިތުން މަޖިލީހުގެ މެމްބަރެއް ނުވަތަ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ބޭފުޅަކު އަދި ސޮއި ކުރައްވާފައެއް ނުވެއެވެ.

އެންއެސްޕީ އުފެއްދުމުގެ ހުއްދަ އަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.

އަބްދުﷲ މީގެ ކުރިން ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރި ކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް ހުރުމުން ކަމަަށެވެ. އިސްލާމްދީނަށް ނަސްރުދީ ގައުމުގެ ސިޔާދަތު ދަމަހައްޓާ ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމާއި ގައުމުގެ އިޖުތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރަން އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.