ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިތުރު ޓެކްސްތަކެއް ނަގަން އިސްލާހު ތަސްދީގު ކުރައްވައިފި

Jul 11, 2021

ޓެކްސް މާފު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުން ސްޕޮންސާ ކޮށްގެން އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އެވެ. މަޖިލީހުން މިމަހުގެ ފަސްވަަނަ ދުވަހު މި ބިލް ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް މާބޮޑު ބަދަލެއް ގެނައުމަކާ ނުލަ އެވެ.

މި ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗާ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޓެކްސް ނަގާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިނޫނުގައި ބުނާ އެއާޕޯޓް ސާވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު 31، 2021ގެ ނިޔަލަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއާޕޯޓް ސާވިސް ޗާޖާއި، ޑިޕާޗާ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނަގާނެ އެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ބޭފުޅުންނާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާވާނެ އެވެ.

ބޭރަށް ދަތުރުކުރާ ނަމަ ނަގާނެ އިތުރު ޓެކްސްތައް

  • ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު

އެއާޕޯޓް ސާވިސް ޗާޖް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއާލައިނެއްގެ ޒިންމާއެއްކަމުގައި ކަނޑައަޅާފައިވެ އެވެ. އަދި ދައުލަތަށް ހަމައަށް އެ ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއާޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން މި ބިލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއާޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާ ބެހޭ މައުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނުވަތަ ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ އަދަދާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ އަދަދު އަންގައިދޭ ބަޔާނެއް މީރާއިން ކަނޑައަޅާ ނަމޫނާ އަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަން ޖެހެ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މީރާ އަށް ދައްކަން ލާޒިމްކޮށްފައިވަނީ އެމެރިކާ ޑޮލަރުންނެވެ.

ބިލުގައިވާ ގޮތުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ދާނެ އެވެ. އެގޮތަށް އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބި ދީފައިވެ އެވެ. އެކަމަކު އިސްތިސްނާ ކުރެވޭނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއް ވަން ޖެހޭނީ ވަޒީރުންގެ ލަފާ ހޯއްދަވައިގެނެވެ.

އާމްދަނީން ނަގާ ޓެކްސްގެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސެންޓް ވިތުހޯލްޑިން ޓެކުސް ނުނަގަންވެސް ފާސްކޮށްފައިވެ އެވެ.

މިއިސްލާހުތަކަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންނާއި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ ބައެއް ކުންފުނިތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.