ގްރީން ޓެކުހުން ލިބޭ އާމްދަނީ "ގްރީން ފަންޑަށް" ޖަމާކޮށް ކުރަން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.
ރައްޔިތުން މަޖިލީސް އާ އަހަރަށް ހުޅުއްވައި ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ގްރީން ފަންޑުގެ ފައިސާ ހަރަދު ކުރާނީ ތިމާވެށި ހިމާޔަތް ކުރުމާއި ސާފު ބޯފެން ފޯރުކޮށްދިނުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރު ކުރުމުގެ ގޮތުން މި އަހަރު ތެރޭގައި އިތުރު 82 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރެވޭނެ ކަމަށެވެ.
"އެ ރަށްރަށުގައި މި ނިޒާމު ގާއިމް ކުރުމުން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު މިހާރާ އަޅާ ބަލާއިރު ދެގުނަ އިތުރުވެގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ބޭނުން ކުރުމަށް ގްރީން ޓެކުސް ނަގަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 1، ސެޕްޓެމްބަރު 2015ގަ އެވެ. މި ޓެކުސް ނަގަނީ ރިސޯޓުތަކާއި ސަފާރި އަދި ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ މީހުންގެ އަތުން ނަގަނީ ތިން ޑޮލަރެވެ. މި ޓެކްސް މިހާރު ޖަމާވަނީ ވަކިން ހާއްސަ ފަންޑަކަށް ނޫނެވެ.
ގްރީން ޓެކްސް ނަގަން ފެށި އަހަރު މި ޓެކުހުން އާމްދަނީގެ ގޮތުގައި 314 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާ ކުރި އެވެ. އަދި ޖެހިގެން އަންނަ އަހަރު މި އަދަދު 1.1 ބިލިއަން ރުފިޔާ އަށް އިތުރުވެ، 2017 ވަނަ އަހަރު ގްރީން ޓެކުހުން ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި ޓެކުހުން ލިބިފައިވަނީ 810 މިލިއަން ރުފިޔާ އެވެ.