ވިޔަފާރި

ބިލިއަނެއްހާ ރުފިޔާ ހޯދަން އަމާޒުކޮށް މާދަމާ ގްރީން ޓެކްސް ނަގަން ފަށަނީ

  • ގްރީން ޓެކްސް ނަގާނީ މިރޭ 12 އިން ފެށިގެން
  • ކޮންމެ ޓޫރިސްޓެއްގެ އަތުން ހަ ޑޮލަރު ނަގާނެ
  • މިއަހަރު 314 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ

ދައުލަތައް ބިލިއަނެއްހާ ރުފިޔާ ހޯދަން އަމާޒުކޮށް މާދަމާ ގްރީން ޓެކްސް ނަގަން ފަށާނެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވުނު ހަ ވަނަ އިސްލާހުގެ ދަށުން އަލަށް ތައާރަފު ކުރެވޭ ގްރީން ޓެކްސް، މިރޭގެ 12 ޖަހާއިރުން ފެށިގެން ނަގާނެ ކަމަށެވެ. އެ ޓެކްސް ޓޫރިސްޓުންގެ އަތުން ނަގާނީ ރިސޯޓްތަކުންނެވެ.

ދައުލަތުން އަންދާޒާ ކޮށްފައިވާ ގޮތުގައި ގްރީން ޓެކުހުން މި އަހަރު ދައުލަތައް އާމްދަނީގެ ގޮތުގައި 314 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އަންނަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި 2017 ވަނަ އަހަރު މި އަދަދު 1.3 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

ގްރީން ޓެކްސް ނަގަން ހަމަޖެހިފައި ވަނީ ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުންނެވެ. މި ޓެކްސް ނަގަނީ ދުވާލަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. މީރާއަށް ގްރީން ޓެކްސް ބަޔާނާއެކު އިންފޮމޭޝަން ޝީޓް ހުށަހަޅައި ފައިސާ ދައްކަންޖެހެނީ ކޮންމެ ކަލަންޑަރު މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިންނެވެ.