އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުން ނިމުމަކަށް އަތުވެއްޖެ އެވެ.
ރެވެނިއު ސްޓޭމްޕް ޖެހުން ނިމުމަކަށް އައީ އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހަމުން އައީ ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރުން ފެށިގެން އަމަލުކުރަންދާ ގާނުނަކުންނެވެ. އެހެންކަމުން ސްޓޭމްޕް ޖެހުން ނިމުމަކަށް މިއައީ 51 އަހަރު ފަހުންނެވެ.
ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ. އެ ބިލް މަޖިލީހުން ފާސްކުރީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.
ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށެވެ.
"މިކަން މިހެން އޮތް އިރު ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ،" ގާނޫނު އުވާލަން ބޭނުންވާ ސަބަބު ހިއްސާކުރައްވަމުން ވިދާޅުވެފައިވެ އެވެ.
އާޒިމް އިތުރަށް ވިދާޅުވީ ވިޔަފާރިކުރާ ފަރާތްތަކުން ހިދުމަތް ހޯދާއިރު ދައްކަން ޖެހޭ ފީއާއި އެހެނިހެން ފައިސާ ދެއްކުމަށްފަަހު އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އުވާލުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.