ހަބަރު

އައިޖީއެމްއެޗަށް ދޫކޮށްލި ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް

ވިހެއުމަށްފަހު އައިޖީއެމްއެޗަށް ދޫކޮށްލި ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންނިންމާފައިވާ ކަމަށާ، ކުއްޖާގެ ހަރަދުތައް މިހާރުވެސް ކުރަނީ ދައުލަތުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ހުސައިން އަކްރަމް ވިދާޅުވީ، ތުއްތު ކުއްޖާ މިވަގުތު ވީ ހޮސްޕިޓަލުގައި ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ދޫކޮށްލާ އެހެން ކުދިންނެކޭވެސް އެއްގޮތަށް އެ ކުއްޖާވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށާއި، ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް ކުއްޖާ ގެންދާނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ކަމަށެވެ.

އަކްރަމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެންދިޔަ ނަމަވެސް އާއިލާގެ ފަރާތުން އެކުއްޖާ ބޭނުންވެއްޖެ ހާލަތެއްގައި އެކަމަށް އޮންނަ މަރުހަލާތަކުގެ ތެރެއިން، އާއިލާއަކީ ކުއްޖާއަށް ސަލާމަތްތެރި ތަނެއްކަން ޔަގީން ކުރަން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. ކުއްޖާގެ މަންމައާ ވެސް ޖެންޑާ މިނިސްޓްރީން އެ މައްސަލައިގައި މިހާރު ސުވާލުކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި މީގެ ފަހުން ހުންނާނީ. އެހެން ނަމަވެސް އާއިލާގެ މީހަކު ދަރިފުޅު ބޭނުންވެގެން ގުޅައިފިއްޔާ އަޅުގަނޑުމެން އަބަދުވެސް އަމަލު ކުރާ އުސޫލުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނަން. ހަމަ އެކަނި އާއިލާ އެއް ވެސް ނޫން. ވަރަށް ފަހުން މިވަނީ ދަރުމަޔަށް ކުދިން ބަލާ މީހުންގެ ހިދުމަތް ވެސް ތައާރަފް ކޮށްފަ. އެގޮތަށް ވެސް ކުއްޖާ ހޯދަން ބޭނުންވާ ބަޔަކު ތިބެދާނެ. އެހެން ނަމަވެސް މީގެން ކޮންމެ ސިޓުއޭޝަނެއްގައި ވެސް އަޅުގަނޑުމެން ކަށަވަރު ކުރާނީ ކުއްޖާގެ ރައްކާތެރިކަން. ކުއްޖާ ދޫކޮށްލާނަމަ އެ ދޫކޮށްލެވެނީ ކިހާ ރައްކާތެރި ތަނަކަށްތޯ ބެލުން،" އަކްރަމް ވިދާޅުވި އެވެ.

ވިހެއި ތުއްތު ފިރިހެން ދަރިފުޅު އައިޖީއެމްއެޗް ހޮސްޕިޓަލަށް ދޫކޮށްލާފައި ދިވެހި އަންހެނަކު ފިލި މައްސަލަ ފުލުހުންނަށް އެ ހޮސްޕިޓަލުން ރިޕޯޓުކުރީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އޭނާ ދަރިފުޅު ދޫކޮށް ދިޔައީ އައިޖީއެމްއެޗަށް ވިހައިގެން ފަރުވާ ހޯދުމަށްފަހު ހޮސްޕިޓަލުން ޑިސްޗާޖު ކުރުމުންނެވެ.