އީދު ބަންދާއި ޗުއްޓީ ދަތުރުތަކުގައި ކުޅިވަރު މުބާރާތްތަކާއި ގިނަ މީހުން އެއްވެގހެން ބާއްވާ ހަރަކާތްތައް ނު ބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގާ އެޗްޕީއޭއިން މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ ގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު ރަނގަޅަށް މާސްކް އަޅާ ތިމާ އާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭ ގޮތަށް މާސްކް އެޅުމަށް އަންގާ ކަމަށެވެ.
ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހްތިޔާރުކުރުމަށް ވަނީ އަންގާފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށްވެސް އަންގާފައިވެއެވެ.
މީގެ އިތުުރުން ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ޕާކްތަކާއި މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ
އެއްގޮތަށް އަމަލުކުރުމާއި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސިއްޖީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމަށް އަންގާފައިވެއެވެ.
އަދި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމާއި ކަރަންޓީނުގައި ތިބެންޖެހޭ މީހުން ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށްވެސް އެދިފައިވެއެވެ.
ކުރިއަށް އޮތީ އީދު ބަންދު ކަމަށްވާއިރު އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ސުކޫލު ޗުއްޓީ ދެމިގެންދާނެ އެވެ. ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދިނުމުން ވަރަށް ގިނަ ބަޔަކު ދަނީ އަތޮޅުތަކަށް ދަތުރުކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.