ދުނިޔެ

ފިސާރި ތެދެއް، އެމެރިކާގެ ކިބައިން ބަދަލު ހިފާނަން: ޗައިނާ

އެމެރިކާއިން ޗައިނާގެ ވިޔަފާރި ކުންފުނިތައް ބްލެކްލިސްޓް ކުރުމަކީ ބޮޑު މައްސަލައެއް ކަމަށާއި ދަނޑިވަޅު ބެލުމެއް ނެތި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއަށް ދަތިކުރުގެ ގޮތުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ކުރިން ވެސް އޮތީ ބުނެފަ އެވެ. އެއީ އުއިގޫރު މުސްލިމުންނާ މެދު ޗައިނާއިން އަމަލު ކުރާ ގޮތުންނެވެ. އިންސާނީ ހައްގުތަކުން ބައިމަދު މުސްލިމުން އެކަހެރިކޮށް އިންސާނަކަށް ވީތީ އެބައި މީހުންނަށް ލިބެންޖެހޭ ދީނީ އަދި އިޖުތުމާއީ އަސާސްތަކަށް ވެސް ޗައިނާ އަރައިގެންފައިވާ ކަމަށް އެމެރިކާ ބުނެ އެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ އެމެރިކާގެ މި އަމަލަކީ ސަބަބެއް ނެތި ވިޔަފާރި ކުންފުނިތައް ހުއްޓުވާލަން ހިންގާ ޖަރީމާއެއް ކަމަށާއި އޮތް ހަމައެކަނި ސަބަބަކީ އިގުތިސޯދީ ގޮތުން ޗައިނާއާ ފައިހަމަ ނުކުރެވުން ކަމަށެވެ.

ޗައިނާއިން ބުނީ ވިޔަފާރި ކުންފުނިތަކުގެ ދިފާއުގައި ދެން ފަށައިގަންނާނީ ގައުމު ދިފާއު ކުރަން ކަމަށާއި އަޅާ ވޭނަށް ކެތް ކުރެވޭ ނަމަ ދޫދޭނެ ކަމެއް ނެތް ކަމަށެވެ. އަދި ބުނީ ދިލަ އިހުސާސް ވާނެ ކަމަށާއި އެއިރު އޮންނާނީ މާބޮޑަށް ވެސް ލަސްވެފައި ކަމަށެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބުނި ގޮތުން ޗައިނާގެ އިލެކްޓްރޯނިކާއި ޓެކްނޮލޮޖީ ކުންފުނިތައް އަދި ވިޔަފާރި ކުންފުނިތަކުން ވެސް އެ ގައުމުގެ ސަރުކާރަށް އެހީތެރިވެ އެވެ. ޝިންޖިއާގައި ދިރިއުޅޭ ބައިމަދު މުސްލިމުނަށް ޖާސޫސް ކުރުމަށާއި އަނިޔާ ކުރުމަށް ވެސް ވިޔަފާރި ކުންފުނިތަކުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށް ދެއެވެ.

ކޮމާސް ޑިޕާޓްމަންޓުން އެމެރިކާ ކުންފުނިތަކަށް ގޮވާލާފައި ވަނީ ޗައިނާ ކުންފުނިތަކާއެކު ވިޔަފާރި ނުކުރުމަށެވެ. އެމެރިކާގައި އުފައްދާ އެއްވެސް ބާވަތެއް ސަޕްލައި ނުކުރުމަށެވެ. އަދި އެމެރިކާ ކުންުފުނިތަކާއެކު އޮންނަ ޚާއްސަ އެއްބަސްވުމެއްގެ ދަށުން ވިޔަފާރިކުރާ ކުންފުނިތައް ވެސް ޗައިނާއާ ދުރުވާން ވަނީ ގޮވާލާފަ އެވެ.