ލައިފްސްޓައިލް

މަންމައަކު ވަޅުލާފައި އޮތް ކުއްޖަކު ސަލާމަތް ކޮށްފި

އިންޑިޔާގެ ބިހާރުގެ އަންހެނަކު ވިހެއުމަށް ފަހު ވަޅުލާފައި އޮތް ކުއްޖެއް މަރު ނުވަނީސް ސަލާމަތް ކޮށްފި އެވެ. މި ކުއްޖާ މިހާރު އޮތީ ސަރުކާރު ހޮސްޕިޓަލެއްގައި ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ސަރަހައްދުގެ ފުލުހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި މި އަންހެންމީހާ އަކީ ލަކީސަރާއީ ޑިސްޓްރިކްޓްގައި ދިރިއުޅޭ ލަކްޝްމީ ދޭވީ ނަމަކަށް ކިޔާ އަންހެނެކެވެ. މިދިޔަ ހޮނިހިރު ދުވަހު މި އަންހެންމީހާ އޭނާގެ ދަރިފުޅު ވަޅުލާފައި ދިޔަތާ މާ ގިނައިރެއް ނުވެ ކުއްޖާ ރޯ އަޑު އަންހެނަކަށް އިވެގެން އައިސް ވަޅުގަނޑުން ކުއްޖާ ނެގީ އެވެ. ނެގި އިރު ކުއްޖާ އޮތީ ހޭނެތިފައި ކަމަށް ވެއެވެ.

އެ ކުއްޖާ އޮތީ ބްލެންކެޓަކަށް ލާ ރަނގަޅަށް އޮޅާލާފަ އެވެ. އަދި ވަޅުގަނޑެއް ތެރޭގައި ބޭއްވުމަށް ފަހު ސިމެންތި ގަލުން ވަޅުގަނޑުގެ މަތި ހުރީ ބައްދާފަ އެވެ.

ކުއްޖާ ވަޅުގަނޑުން ނެގި އަންހެންމީހާ ބުނި ގޮތުގައި އޭނާ ގޭގެ ފުރާޅަށް އަރައިގެން އުޅެނިކޮށް ތަންކޮޅެއް ދުރުން އަންހެނަކު ބިންމަތި ކޮންނަން އިންދާ ފެނުމުން އެ އަންހެންމީހާ އަށް އޭނާގެ ސަމާލުކަން ހުއްޓުނީ ކަމަށެވެ. އެ އަންހެންމީހާ ކައިރީގައި ބިންމަތީގައި ބާއްވާފައި އޮތް ތުއްތު ކުއްޖެއް އޭރުވެސް ވަރަށް ބާރަށް ރޮމުން ދިޔަ ކަމަށް އެ ކުއްޖާ ނެގި އަންހެންމީހާ ބުންޏެވެ.

"އަހަރެންނަށް ޝައްކުވެގެން ވަގުތުން އެތަނަށް ދިޔައިރު އަންހެންމީހާ ކުއްޖާ ވަޅުލާފައި ފިލައިގެން ދަނީ. ނަމަވެސް އަހަންނާއެކު އައި މީހުން ވަނީ އަންހެންމީހާ ފިލިޔަ ނުދީ ހިފަހައްޓާފަ އެވެ.

މިހާރު ކުއްޖާގެ މަންމަ ވަނީ ހައްޔަރުކޮށްފަ އެވެ. މި އަންހެންކުއްޖާ ވަޅުލާފައި ވަނީ އަންހެންކުއްޖަކަށް ވާތީ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހަމަ އެ ސަރަހައްދުގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހިނގި ހާދިސާއެއްގައި ވެސް އަންހެނަކު ވިހޭ އަންހެންކުއްޖެއް ފާޚާނާގެ ޓޭންކަށް ލާފައި އޮއްވާ ސަލާމަތް ކޮށްފައި ވެއެވެ. އަދި ވަޅުލާފައި އޮތް އިތުރު އަންހެންކުއްޖެއް ވެސް މި ހިސާބުގަނޑުން ސަލާމަތް ކޮށްފައި ވެއެވެ. މި ކުއްޖާއަކީ ލޮލަށް ނުފެންނަ ކުއްޖެއް ކަމަށް އަވަށުގެ މީހުން ބުނެފައި ވެއެވެ.