ލައިފްސްޓައިލް

ދަރިފުޅު ސަލާމަތްކުރަން ޖަނަވާރަކާ މަންމަ ކުރިމަތިލައިފި

މައިވަންތަ ލޯތްބަކީ އެއްވެސް އަމިއްލަ އެދުމެއް ނެތް ސާފު ތޯހިރު ލޯތްބެކެވެ. ދަރިއަކަށްޓަކައި މަންމައަކު އަލިފާންތަކެއް މަތީ ހިނގާކަށް ވެސް ފަހަކަށް ނުޖެހޭނެ އެވެ. އަދި ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި މަންމައިން އެ ކުއްޖާ ސަލާމަތްކުރަން މަސައްކަތް ކުރެ އެވެ.

މީގެ އެންމެ ރަނގަޅު މިސާލެއް ދާދިފަހުން ފެނިފައިވަނީ އިންޑިއާ މަދްޔަ ޕްރަދޭޝްގެ ބާދީ ޖިރިޔާ އަވަށުންނެވެ. އެ އަވަށުގައި ދިރިއުޅޭ ގަބީލާއަކަށް ނިސްބަތްވާ އަންހެނަކު ވަނީ އޭނާގެ ކުޑަ ދަރިފުޅަކު ސަލާމަތްކުރަން ލެޕަޑް އަކާ ވަރަށް ކެރިގެން ކުރިމަތިލާފަ އެވެ. އެ އަންހެން މީހާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް އިރުވެސް އޭނާ އެ ޖަނަވާރާ ކެރިގެން ކުރިމަތިލައި ހަނގުރާމަ ކުރީ އަމިއްލަ ފުރާނަ ދިޔަސް ދަރިފުޅުގެ ފުރާނައަށްޓަކަ އެވެ.

ލެޕަޑް އޭނާގެ ދަރިފުޅު ޖަހައިގަނެގެން ދިޔަ ދުވަހު ބައިގޭ ގަބީލާއަށް ނިސްބަތްވާ ކިރަން ނަމަކަށް ކިޔާ މި އަންހެން މީހާ އިނީ އޭނާގެ ފަން ޖިފުޓިގަނޑުގެ ބޭރުގައި އަލިފާންގަނޑެއް ރޯކޮށްގެން އޭނާގެ ތިން ދަރިން އެ އަލިފާންގަނޑު ކައިރީ ބައިތިއްބައިގެންނެވެ. އެ ހިސާބު ފިނިކަމުން ދަރިންނަށް ކޮންމެވެސް ވަރެއްގެ ހޫނުކަމެއް ލިބޭނީ އެގޮތަށް ކަމަށް ވާތީ އެވެ. އެގޮތަށް ހަތަރު މައިން ތިއްބާ ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ލެޕަޑެއް އައިސް ކިރަންގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ރާހޫލް ޖަހައިގަނެގެން ދުއްވައިގަތެވެ.

އަންހެން މީހާ ވަގުތުން އަނެއް ދެ ދަރިންނަށް ޖިފުޓިއަށް ވަދެ ތަޅުލައިގެން ތިބެން އެންގުމަށްފަހު ލެޕަޑްގެ ފަހަތުން ޖަންގަޔާ ދިމާލަށް ދުއްވައިގަތެވެ. ލެޕަޑް ގޮސް ތިރިކޮށް ހެދިފައިވާ ގަސްތަކެއް ތެރެއަށް ވަދެ ފިލާ އޮތެވެ. އޭރުވެސް އެ ސޮރުގެ ވަކިތަކުން ކުއްޖާގެ ގައިގައި އޮތީ ހިފަހައިގެންނެވެ.

ދަނޑިބުރިއަކުން އެ ޖަނަވާރުގެ ގައިގައި ޖަހައި އެ ސޮރު ބިރުގަންނަވާލެވޭތޯ ކިރަން މަސައްކަތް ކުރަމުން ދިޔަ އެވެ. އެއާއެކު އެހީއަށް އެދި އޭނާ ދިޔައީ ވަރަށް ބާރަށް ހަޅޭއްވެސް ލަވަމުންނެވެ.

ލެޕަޑް އެންމެ ފަހުން ކުއްޖާގެ ގައިން ދޫކޮށްލި އެވެ. އަންހެން މީހާގެ ހިތްވަރުގަދަކަން ފެނިފައި ލެޕަޑް ބިރުގަނެގެން އެސޮރު އަތުން ކުއްޖާ ދޫވީ ކަމަށް ފޮރެސްޓް އޮފިސަރުން ލަފާ ކުރެ އެވެ. ވަގުތުން އަންހެން މީހާ ގޮސް ކުއްޖާގެ ގައިގައި ބައްދައިގަތުމާއެކު ލެޕަޑް އަންހެން މީހާއަށް ހަމަލަ ދިނެވެ.

ޓައިގާ ރިޒާވްގެ ޑައިރެކްޓަރު ވައި.ޕީ.ސިންގް ބުނި ގޮތުގައި ލެޕަޑާ ވެސް އަންހެން މީހާ ވަނީ ވަރަށް ވަރުގަދަޔަށް ކުރިމަތިލައި ހަނގުރާމަ ކޮށްފަ އެވެ. އަންހެން މީހާ އަށް ލެޕަޑްގެ ކިބައިން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަވަށުގެ ގިނަ ބަޔަކު އެތަނަށް އައެވެ. އެމީހުން އައީ އަންހެން މީހާ ހަޅޭއްލަވާ އަޑު އިވިގެންނެވެ. އެއްފަހަރާ ގިނަ ބަޔަކު އައިތަން ފެނިފައި ލެޕަޑް ބިރުގަނެ އަންހެން މީހާ ދޫކޮށްލާފައި ޖަންގަޔަށް ވަދެ ފިލީ އެވެ.

އަންހެން މީހާގެ ހިތްވަރުން އޭނާގެ ދަރިފުޅާއި އަމިއްލަ ފުރާނަ ސަލާމަތްވިޔަސް ދެ މައިންގެ ހަށިގަނޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ކުއްޖާގެ ބުރަކައްޓާއި ކޮލާ އަދި ލޮލުގައި ބޮޑެތި ޒަޚަމްތަކެއް ލާފައި ވެއެވެ. އަދި އަންހެން މީހާގެ ހަށިގަނޑުގެ އެތަން މިތަން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.
މިހާރު ދެ މައިންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެމީހުންގެ ފަރުވާގެ ޚަރަދުތައް ކުރަނީ އެ ސަރަހައްދުގެ ފޮރެސްޓް ޑިޕާޓްމަންޓުންނެވެ.

މި ޚަބަރަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ އަންހެން މީހާގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ. އަދި މަންމައެއްގެ ހިތްވަރަކީ އެފަދަ ދެވަނަ އެއް ނެތް އެއްޗެއް ކަމަށް އެންމެން ވެސް ބުނެފައި ވެއެވެ.