އަންހެން ޓްރެފިކް ޕޮލިސް ކޮންސްޓެބަލް އަކު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން މަގުމަތީގައި ޑިއުޓީ ކުރަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓުގައި ވައިރަލްވެ ގިނަ ބަޔަކު މިކަމާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުން އެބަ ދެއެވެ.
އިންޑިޔާގެ ޗަންދީގަޅްގެ އެންމެ ބިޒީ އެއް މަގުގައި ޕްރިޔަންކާ ނަމަކަށް ކިޔާ މި ފުލުސް އަންހެންމީހާ އޭނާގެ ދަރިފުޅު އުރާލައިގެން ޓްރެފިކަށް މަގުދައްކަން ހުރި މަންޒަރު ވީޑީއޯ ކޮށްފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހެކެވެ.
މި މަންޒަރުބަލާފައި އެއް ބަޔަކު އަންހެންމީހާ އަށް ތައުރީފު ކުރަމުންދާއިރު އަނެއް ބަޔަކު ބުނެފައިވަނީ ގޭގައި ދަރިފުޅު ބާއްވާފައި ޑިއުޓީ އަށް ނުކުތުން އެ ކުއްޖާގެ ރައްކާތެރިކަމަށް މާ ރަނގަޅު ގޮތަކަށް ވާނެ ކަމަށެވެ.
ޕްރިޔަންކާ ކަހަލަ އަންހެނުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު އިންފްރާސްޓްރަކްޗާއެއް ފުލުހުންގެ އިދާރާގައި ނެތް ކަމަށް ވެސް ފާޑުކީ ބައެއް މީހުން ބުނެފައި ވެއެވެ.
ވަޒީފާ އާއި އާއިލާގެ ތެރެއިން ކޮންމެވެސް އެއް ކަމެއް ޚިޔާރުކުރަން ޖެހުމަކީ ޕްރިޔަންކާ ނޫނަސް ވަރަށް ގިނަ އަންހެނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ވެސް ކޮމެންޓުކުރި ބައެއް މީހުން ބުންޏެވެ.
އަންހެން ފުލުހުންނަށް ޑޭ ކެއާ ފަދަ ތަންތަނުގައި އެމީހުންގެ ދަރިން ބޭތިއްބޭނެ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭނެކަމަށް ވެސް ކޮމެންޓުކުރި ބައެއް މީހުން ދެކެ އެވެ.
އިންޑިޔާގެ ނޫހެއް ކަމަށްވާ 'ދަ ޓްރިބިއުސް' ގައިވާ ރިޕޯޓެއް ބުނާ ގޮތުން ޕްރިޔަންކާ އާއި އިތުރު ފުލުހަކު އެ ސަރަހައްދުގެ ޑިއުޓީއަށް ހެނދުނު 8.00ގައި ހާޒިރުވާން ޖެހެ އެވެ. ނަމަވެސް ގަޑި ޖެހުނުއިރުވެސް އެ ތަނަށް ދާން ޖެހޭ ދެ މީހުންކުރެ އެކަކު ވެސް ހާޒިރުނުވާ ކަމަށް ސީނިއާ އޮފިޝަލަކަށް އެނގިގެން ޕްރިޔަންކާ އަށް ގުޅާފައި ޑިއުޓީއަށް ނުކުތުމަށް އެންގީ އެވެ. އެހެންވެ ދަރިފުޅު ބަލާދޭނެ މީހަކު ނެތުމުން ދަރިފުޅު ގޮވައިގެން ޕްރިޔަންކާ ޑިއުޓީއަށް ނުކުތީ އެވެ.
ދަރިފުޅު ގޮވައިގެން އޮފީހަށް ވަނުމުން އެތާ ތިބި ބައެއް މީހުން ޕްރިޔަންކާ އަށް ގެއަށް ދިއުމަށް އިރުޝާދު ދިނެވެ. ނަމަވެސް ޕްރިޔަންކާ ބޭނުންވީ ދަރިފުޅު ގޮވައިގެން ޑިއުޓީ ފުރިހަމަ ކުރާށެވެ.