އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ކުރްނޫލްގައި ދިރިއުޅޭ ސްކޫލް ކުއްޖަކު އޭނާގެ އެކުވެރިއެއްގެ ޝަކުވާ ފުލުހުންނާ ކޮށްފި އެވެ. ޕޮލިސް ސްޓޭޝަނަށް ގޮސް ކުއްޖާ ބުނީ އޭނާގެ ފަންސުރެއް އެކުވެރިއަކު ވަގަށް ނެގީ ކަމަށެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑީއޯއެއްގައި ފެންނަނީ މި ކުއްޖާ ފުލުހުން ކައިރީގައި އޭނާގެ ޝަކުވާ ރެޖިސްޓްރީ ކޮށްދޭން އެދޭ ތަނެވެ. މި ކުއްޖާ ޝަކުވާ ހުށަހަޅަން ގޮސް ހުރީ ކުރުނޫލް ޑިސްޓްރިކްޓްގެ ޕެޑަކަޑަބޫރް ޕޮލިސް ސްޓޭޝަނަށެވެ.
ހަންމަންތޫ ނަމަކަށް ކިޔާ މި ކުއްޖާ ފުލުހުން ކައިރީ ބުނަނީ އޭނާގެ ސްކޫލް ކުއްޖަކު އޭނާގެ ފަންސުރު ނަގާފައި އަނބުރާ ނުދިން ކަމަށެވެ. އެ ކުއްޖާ ބުނި ގޮތުގައި އޭނާގެ އެކުވެރިޔާ ކޮންމެ ދުވަހަކު އޭނާގެ ފަންސުރު ނަގަ އެވެ.
ފުލުހުން ފަހުން ވަނީ ހަންމަންތޫ އެ ބުނާ ކުއްޖާ ވެސް ޕޮލިސް ސްޓޭޝަނަށް ގެނެސް އެ ކުއްޖާ އާ ހަންމަންތޫ އާ ދެ މީހުންގެ ބަހުސް އަޑުއަހާފަ އެވެ.
ފަހުން ފުލުހުން ވާހަކަ ދައްކައިގެން މި ދެ ކުދިން ސުލްހަ ކޮށްފައި ވެއެވެ. އަދި ޝަކުވާ ރައްދުވި ކުއްޖާ ކައިރީގައި ރަނގަޅަށް ކިޔަވައްޗޭ ފުލުހުން ބުނެފައި ވެއެވެ.
ޕެޑަކަޑަބޫރް ފުލުހުން ބުނި ގޮތުގައި ޝަކުވާ ހުށަހަޅަން އައި ކުއްޖާ އާއެކު ފަސް ކުއްޖަކު އެ ދުވަހު ޕޮލިސް ސްޓޭޝަނަށް ދިޔައެވެ. އަދި މި ކުއްޖާ ޝަކުވާ ހުށަހެޅިއިރު އެހެން ކުދިން އެކަމާ ހޭން ތިއްބެވެ. އަދި އެ ޕޮލިސް ސްޓޭޝަނާ ވަރަށް ކައިރީގައި ހުންނަ އެ ސްކޫލްގެ ކުދިން ވަރަށް ގިނައިން އެތަނަށް ފެން ބޯން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންދްރަ ޕްރަދޭޝްގެ އެންމެ ރަނގަޅު ޕޮލިސް ސްޓޭޝަންގެ އެވޯޑު 2020 ގައި ހޯދާފައިވަނީ މި ޕޮލިސް ސްޓޭޝަނެވެ. މި އެވޯޑު ލިބުނީ އާއްމު ރައްޔިތުންނާއި ބާއްވާ ގުޅުން ރަނގަޅުކަމުންނާއި މައްސަލަތައް ހައްލުކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކުގެ ސަބަބުންނެވެ.