ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީއެއް އިޒްރޭލުގައި ހުޅުވަން ނިންމައިފި އެވެ. އެ ރަސްމިއްޔާތު އޮންނާނެ ކަމަށް ހަބަރުތައް ބުނަނީ އަންނަ ބުދަ ދުވަހުގައި ކަމަށެވެ. ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ މެހެމާނުންގެ ތެރޭގައި އިޒްރޭލުގެ ރައީސް އިސާކް ހެރްޒޮގް ހިމެނިވަޑައިގަންނަވަ އެވެ.
އިޒްރޭލުގެ އެމްބަސީއެއް ޔޫއޭއީގައި، އަބޫދާބީގައި މިހާރު ވެސް ހުރެ އެވެ. އެމެރިކާ އިސްވެ ކުރި މަސައްކަތުން އިޒްރޭލާއެކު އަރަބި ބައެއް ގައުމުތަކުން ވަނީ ގުޅުން ބަދަހިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޔޫއޭއީގައި އިޒްރޭލު އެމްބަސީއެއް ހުޅުވީ މިއަހަރު އެވެ. އަދި ދުބާއީގައި ވެސް ކޮންސިއުލޭޓް އޮފީހެއް އިޒްރޭލުން ހުރީ ހުޅުވާފަ އެވެ.
ޔޫއޭއީ އޮފިޝަލުން ވިދާޅުވާ ގޮތުން އިޒްރޭލާއެކު ދެކެވޭ ވާހަކަތަކުގައި ފަލަސްތީނަށް ދެރަ ގޮތެއް ނުހެދުން ހިމެނެ އެވެ. ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ގެދޮރޮވެރި ކުރަން ހިންގާ ޕްރޮގްރާމްތައް ފުޅާ ނުކުރުން ހިމެނެ އެވެ. އެހެން ނަމަވެސް ފަލަސްތީނުން ބުނަނީ އިޒްރޭލާއެކު އަރަބި ގައުމުތަކުން ގުޅުން ބަދަހި ކުރުމަކީ ޚިޔާނާތްތެރިވުން ކަމަށެވެ.
އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު މި މައުލޫއަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ. އޮފިޝަލުން އެހެން ވިދާޅުވި ނަމަވެސް އިޒްރޭލުން ފަލަސްތީނަށް އޮތް އޯގާތެރިކަމެއް ނުފެނެ އެވެ. މުޅިހުން ފެންނަނީ ޖެއްސުންކުރުމާއި މާރާމާރީ އަދި ލޭ އޮހޮރުވުމެވެ.
އެމެރިކާއިން ޔޫއޭއިއާއެކު ދެއްކި އަނެއް ވާހަކައަކީ އިޒްރޭލާއެކު ގުޅުން ގާތްކޮށްފި ނަމަ ޔޫއޭއީއަށް ހަތިޔާރު ވިއްކާނެ ކަމަށް އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން އެފް-35 ޖެޓްތަކާއި ޒަމާނީ އަސްކަރީ ހަތިޔާރު ވިއްކަން އެމެރިކާ އޮތީ އެއްބަސްވެފަ އެވެ.