އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންފުޅުވާތީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވެސް ޖުމުހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ ވަޑައިގެންފި އެވެ.
ނާޒިމް ވަނީ ޓްވިޓާ މެދުވެރިކޮށް އޭނާ ޖޭޕީން ވަކިވެ ވަޑައިގެންނެވިކަން އިއުލާނު ކުރައްވާ ސިޓީއެއް ވެސް ނެރެފަ އެވެ. އޭނާގެ އެ ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދާ ދިވެހިގައުމާ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި
ހިދުމަތް ކުރައްވަން ގަސްތުކުރައްވާތީ މިއަދުން ފެށިގެން ޖޭޕީގެ މެމްބަރުކަމުން އޭނާ ވަކިވެވަޑައިގަންނަވާ ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕާޓީގެ މެމްބަރުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މެމްބަރު ނާޒިމް މިއަދު ޖޭޕީން ވަކިވެ ވަޑައިގެންފައި ވާއިރު، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފަ އެވެ.
ނާޒިމާއި ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންފައި ވާއިރު މަޖިލީހަށް ދެ ބޭފުޅުން އިންތިހާބުވީ އެ ޕާޓީގެ ޓިކެޓުގަ އެވެ. ޖޭޕީއަށއް ނިސްބަތްވާ ދެ މެމްބަރުން ޕާޓީން ވަކިވުމާ ގުޅިގެން އެ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ ބަހެއް ލިބޭގޮތެއް އަދި ނުވެ އެވެ. ގާސިމަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ނާޒިމް އުފައްދަވާ ޕާޓީއަށް 3،000 މެންބަރުންގެ ސޮއި ވެސް ވަނީ ހަމަކޮށްފަ އެވެ. މި މަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ކުރަން ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ އެވެ.