ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އީރާގުގައި އަނެއްކާވެސް ކޮވިޑް ހޮސްޕިޓަލެއްގައި ރޯވެއްޖެ

އީރާގުގެ ނާސިރިއްޔާގައި ހުންނަ އަލްހުސައިން ހޮސްޕިޓަލްގައި އަލިފާން ރޯވެ 54 މީހުން މަރުވެއްޖެ އެވެ. މި ހޮސްޕިޓަލް ހާއްސަކޮށްފައި ހުންނަނީ ކޮވިޑް ބަލިމީހުން އެޑްމިޓް ކޮށްގެން ފަރުވާދިނުމަށެވެ.

އަލްހުސައިން ހޮސްޕިޓަލުގައި އަލިފާން ރޯވި ސަބަބު އަދި އާންމު ކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، އާންމުވެފައި ހުރި ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ރޯވީ އޮކްސިޖަން ސިލިންޑަރުތަކެއް ގޮވުމުގެ ސަބަބުންނެވެ.

މިއީ އިރާގުގައި ދެވަނައަށް ރޯވި ކޮވިޑް ހޮސްޕިޓަލް އެވެ. އީރާގުގެ ވެރިރަށް ބަޣްދާދުގައި މި އަހަރު ކުރީކޮޅު، އޭޕްރީލްގައި، ކޮވިޑް ހޮސްޕިޓަލެއްގައި ރޯވެ 82 މީހުން މަރުވެ 110 މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ އޮކްސިޖަން ސިލިންޑަރުތަކެއް ގޮވުމެވެ.

ސިއްހީ އިދާރާތަކުން ލަފާ ކުރާ ގޮތުން މި ހާދިސާގައި އަދިވެސް އިތުރު މީހުން މަރުވާނެ އެވެ. އަލްހުސައިން ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާދެމުން ގެންދިއަ މީހުންގެ ތެރޭގައި ހާލުދެރަ މީހުން ހިމެނޭ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ދުނިޔޭގައި ކޮވިޑް ފެތުރިގަތުމާ ގުޅިގެން މެޑިކަލް އޮކްސިޖަންއަށް ބޭނުންޖެހިފައި އޮތް މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ރައްކާތެރި ނޫން ގޮތްގޮތަށް އޮކްސިޖަން ގެންގުޅެން ހަދައިގެން އަލިފާނުގެ ހާދިސާތައް މެދުވެރިވެފައި އެބަ ހުއްޓެވެ. ޖޯޑަންގެ ހޮސްޕިޓަލެއްގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފަ އެވެ.