ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިރާގުގެ ހެލްތު މިނިސްޓަރާއި ގަވަރުނަރަކު ސަސްޕެންޑްކޮށްފި

އިރާގުގެ ވެރިރަށް ބަޣުދާދުގައި ކޮވިޑަށް ފަރުވާ ދޭ ހޮސްޕިޓަލެއްގައި އޮކްސިޖަން ޓޭންކުތަކެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި 82 މީހުން މަރުވެ އިތުރު 110 ބަލި މީހަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެއްލެވުމަށް ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ބޭއްވެވި ކުއްލި ކެބިނެޓް ސެޝަނެއްގައި ހެލްތު މިނިސްޓަރު ހަސަން އައްތަމީމީ އާއި ބަޣުދާދުގެ ގަވަރުނަރު މުހައްމަދު ޖާބިރު ވަނީ ސަސްޕެންޑް ކުރައްވާފަ އެވެ.

ބޮޑުވަޒީރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދެ ބޭފުޅުންގެ ކަންކަން ވެސް ތަހުގީގު ކުރައްވާނެ ކަމަށާއި މައްސަލަ ނިމެންދެން ތިއްބަވާނީ ޒިންމާއިން ދުރުގައި ގޭގައި ކަމަށެވެ.

ބަޣުދާދުގެ އިބްނުލް ޚަތީބީ ހޮސްޕިޓަލުގައި އޮކްސިޖަން ޓޭންކް ގޮވަން މެދުވެރި ސަބަބު ބަލައި ޒިންމާވާ މީހުންނަށް އަދަބު ކަނޑައެޅުމަށް ކޮމެޓީއެއް އެކުލަވާލައި އިންޓީރިއާ މިނިސްޓަރު އުސްމާން އަލްޣާނިމީ ވަނީ އިސް ކުރައްވާފައި ކަމަށް ބަޔާނުގައި ވެއެވެ.

އިރާގު މީޑިއާތަކުން ބުނަނީ ހުޅުފަޅައިގެން ދިޔައީ ބާރުގަދަ އަޑުފައްގަނޑަކަށް ފަހު ކަމަށެވެ. އޮކްސިޖަން ޓޭންކުތައް ގޮވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެއީ މީހެއްގެ ފަރުވާކުޑަކަމުން މެދުވެރިވި ކަމެއްތޯ ވެސް ބަލާނެ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ގައުމީ ހިތާމައިގެ ތިން ދުވަސް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.