އިރާގު ހެލްތު މިނިސްޓަރު ހަސަން އައްތަމީމީ އިސްތިއުފާ ދެއްވައިފި އެވެ. ބޮޑުވަޒީރުގެ މީޑިއާ އޮފީހުން ބުނާ ގޮތުން ހެލްތު މިނިސްޓަރުގެ އިސްތިއުފާ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވަނީ ގަބޫލު ކުރައްވާފަ އެވެ.
އިރާގުގެ ވެރިރަށް ބަޣުދާދުގައި ކޮވިޑަށް ފަރުވާ ދޭ ހޮސްޕިޓަލެއްގައި އޮކްސިޖަން ޓޭންކުތަކެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި 130 މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެއްލެވުމަށް ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ބޭއްވެވި ކުއްލި ކެބިނެޓް ސެޝަނެއްގައި ހެލްތު މިނިސްޓަރު ހަސަން އައްތަމީމީ އާއި ބަޣުދާދުގެ ގަވަރުނަރު މުހައްމަދު ޖާބިރު ވަނީ ސަސްޕެންޑް ވެސް ކުރެއްވި އެވެ.
ބަޣުދާދުގެ އިބްނުލް ޚަތީބީ ހޮސްޕިޓަލުގައި އޮކްސިޖަން ޓޭންކް ގޮވަން މެދުވެރި ސަބަބު ބަލައި ޒިންމާވާ މީހުންނަށް އަދަބު ކަނޑައެޅުމަށް ކޮމެޓީއެއް އެކުލަވާލައި އިންޓީރިއާ މިނިސްޓަރު އުސްމާން އަލްޣާނިމީ ވަނީ އިސް ކުރައްވާފަ އެވެ.
މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ވަނީ ހެލްތު މިނިސްޓަރު އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގާ ގޮތަށެވެ. އަދި ބަޣުދާދުގެ ގަވަރުނަރު ވެސް މަގާމުން ދުރުކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ޚަތީބީ ހޮސްޕިޓަލުގެ ޑައިރެކްޓަރާއި އޭނާގެ ޑިޕިއުޓީ އަދި އިތުރު ބައެއް މީހުން ވެސް ޒިންމާއިން ދުރުކުރަން ރިޕޯޓްގައި ވަނީ ލަފާދީފަ އެވެ.