އިރާގުގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުކުރެވި ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެއްޖެ އެވެ. މި ބިރު ބޮޑުވީ ކޮވިޑް-19 އިގެ ބަލާތްއާފާތް ފެށުނު ފަހުން އެ ގައުމުގައި އެއް ދުވަހުގެ ތެރެގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަކަށް މިދިޔަ ހުކުރު ދުވަސް ވިއިރު ހާލަތު އޮތް ގޮތުންނެވެ.
އިރާގުގެ ހެލްތު މިނިސްޓްރީން ބުނީ ހުކުރު ދުވަހު 5036 މީހުނަށް ކޮވިޑް ޖެހުނު ކަމަށެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 252075 އަށް އަރައިފި ކަމަށެވެ. މީގެ ތެރެއިން މަރުވެފައި ވަނީ 7359 މީހުނެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ކޮވިޑް ޖެހޭ އަދަދު އިތުރުވީ ސަލާމަތީ މިންގަޑުތަކަށް ޢަންމުން ތަބާ ނުވާތީ އެވެ. އަދި މާސްކު އެޅުމާއި އިޖްތިމާއީ ގައިދުރުކުރުން ފަދަ ކަންތައްތަކަށް އާންމު ރައްޔިތުންގެ ސަމާލުކަަން ކުޑަވެގެނެވެ.
އޯގަސްޓް 30 ގައި ފާހަގަ ކުރި އާޝޫރަ ދުވަހު 10000 އަށްވުރެ ގިނަ ޝިއައީ މުސްލިމުން އިރާގުގެ ދެކުނުގައިވާ ކަރްބަލާއަށް އެއްވެފައިވެ އެވެ. މިކަމާ ގުޅިގެން ކަރުބަލާގެ ސިއްހީ އިދާރާތަކުން ވަނީ އިތުރު ފިޔަވަޅުތަކެއް ކޮވިޑް-19 ފެތުރުމާއި ދެކޮޅަށްްްްްްްްް އަޅާފަ އެވެ.
އެކަމަކު ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މި ފިޔަވަޅުތަކުން އެކަނި ނުފުދޭ ކަމަށެވެ. އާޝޫރަ ދުވަހުގެ ކުރިން ޑަބލިއުއެޗްއޯ އިން ބުނެފައި ވަނީ އިރާގުގައި ކޮވިޑް-19 އިގެ ކޭސްތައް ކަންބޮޑުވާފަދަ ދަރަޖައަކަށް އިތުރުވަމުންދާ ކަމަށެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރަން ކޮންމެ ގޮތެެއް ހަދާފައި ވެސް ހަރުދަނާ ފިޔަވަޅު އަޅައި މުޅި ގައުމަށް މިވަބާ ފެތުރުން ކޮންޓްރޯލްކުރަން ޖެހޭ ކަމަށެވެ.
ކޮވިޑް-19 އިގެ ކޭސްތައް މުސްތަގުބަލުގައި ވެސް އިރާގިގައި އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަދި އޭގެ ސަބބުން ސިއްހީ ހިދުމަތްދޭ ތަންތަނަށް އޮބި ނޯންނަ ދަރަޖައަށް ކަންތައް ގޯސްވެ މަރުވާ މީހުންގެ އަދަދު މައްޗައްދާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
އެތައް އަހަރެއްގެ ދާހިލީ ހަމަނުޖެހުމާއި ގުޅިގެން އިރާގުގެ ހޮސްޕިޓްލަތައް ވަނީ ވަރަށް ބޮޑަށް ބާވެ މަރާމާތު ކުރަން ވެސް ޖެހިފަ އެވެ. އަދި އެކަށީގެންވާ ވަރަށް ބަލި މީހުންނަށް ބޭނުންވާ ބޭހާއި އެނދުވެސް ލިބޭކަށް ނެތެވެ. މީގެ އިތުރަށް ޑޮކްޓަރުންނަށް ބޭނުންވާ ރައްކާތެރި ކަމުގެ ސާމާނާއި އާލާތް ހަމައެއް ނުވެ އެވެ.
ވެރިރަށް ބަޣުދާދުން އަލްޖަޒީރާގެ ޑޯސާ ޖައްބާރީ ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާގު މިހާރު ވެސް އޮތީ ސެމީ ލޮކްޑައުންއެއްގަ އެވެ. ވަކި ގަޑިތަކެއްގައި ކާފިއު ވެސް ހިންގަ އެވެ. ފަންސަވީސް ޕަސެންޓުގެ ސަރުކާރު މުއައްޒިފުން އޮފީހަށް ދިއުމުގެ ހުއްދަ އޮވެ އެވެ. ސްކޫލްތައް ވެސް ބަންދެވެ.