ހޮންކޮންގް ކަހަލަ މުއްސަނދި ގައުމެއްގައި ދިރިއުޅޭ މީހުން އުޅޭނީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ކަމަށް ގިނަ ބަޔަކު ހީކުރާނެ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އެ ގައުމުގެ މުއްސަނދިކަމުން ދިޔަ ދިޔައިނުން ގޮސް އެ ގައުމުގައި ދިރިއުޅޭ ނިކަމެތި ފަގީރުންނަށް ވަނީ ބޮޑު މުސީބާތަކަށް ވެފަ އެވެ. އެއްޗެތީގެ އަގު އިންތިހާއަށް މަތިވެފައި ވުމުން ބަނޑުފުރާނަ މުއްތި ކުރުމަކީ ވެސް ގިނަ މީހުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ.
މީގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވެސް އެހާ ގޯހެވެ.
ދުވާލުގެ ބުރަ މަސައްކަތަށް ފަހު އަރާމުކޮށްލައި ނިދާލަން އައިސް ވަންނަ ގެއަކީ ސަންދޯކެއް ވަރުގެ ކުޑަކުޑަ ގޮޅިއަކަށް ވާނަމަ އެމީހަކަށް ކުރެވޭނެ އިހްސާސް ވަރަށް އަސަރުގަދަ ވާނެތާ އެވެ. ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ހޮންގް ކޮންގްގެ ފަގީރުންގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ މިފަދަ "ސަންދޯއް ގެ" ތަކުގަ އެވެ.
މި ގެ ތަކަށް ހަގީގަތުގައި ވެސް ސަންދޯއް ގެ ކިޔުން ވަރަށް އެކަށީގެންވެ އެވެ. ސަބަބަކީ މި ގޭގައި އިރުކޮޅެއް ވާއިރަށް ހީވާނީ ދިރިހުއްޓާ ވަޅުލާފައި އޮތް ހެންނެވެ. އެހާވެސް ނޭވާ ހާސްވާ ކަހަލަ ގޮތްތަކެއް މި ގެތަކުގައި ހުރެ އެވެ.
ފާއިތުވީ އަހަރުތަކުގެ ތެރޭގައި ހޮންގް ކޮންގްގެ އިގްތިސާދު ރޮކެޓެއް ހެން އަރައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ ގެދޮރުގެ އަގު އިންތިހާއަށް އުފުލުނެވެ. މީގެ ނަތީޖާއަކަށްވީ މުއްސަނދިން އަގުބޮޑު ގަނޑުވަރުތައް ބިނާކުރިއިރު ނިކަމެތިން ސަންދޯއް ގެތަކަށް ވަންނަން ޖެހުމެވެ.
ސަންދޯއް ގެތަކުގައި އާންމުކޮށް ދިރިއުޅެނީ ރިޓަޔާ ވެފައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ފަގީރުކަމުން ބަނޑުފުރާނަ މުއްތި ނުކުރެވޭ ވަރުގެ ނިކަމެތިންނާއި، އަދި ޑްރަގް އެޑިކްޓުންނާއި ސިކުނޑީގައި އުނިކަން ހުންނަ މީހުންނެވެ. މި މީހުންނަށް މިފަދަ ހާލެއްގައި އުޅެން ޖެހިފައިވަނީ އެ މީހުންގެ އަތް ފޯރާ ފަށުގައި ގެދޮރު ނެތީމަ އެވެ. ހަތަރުހާސް ހޮންގްކޮންގް ޑޮލަރު (515 ޔޫއެސް ޑޮލަރު) މަހެއްގެ މައްޗަށް ނުލިބޭ މީހުން އުޅެން ޖެހޭނީ މިފަދަ ސަންދޯއް ގެތަކުގަ އެވެ.
ހަގީގަތުގައި މި ތަންތަނަކީ ފައިސާ ހުރި މީހުން ބޮޑެތި ބިލްޑިންގްތައް ގަނެފައި އެ ބިލްޑީންގްގެ އެޕާޓްމަންޓުތައް ބައިބައި ކޮށްގެން ވިއްކާފައި ހުރި ތަންތަނެވެ. މިގޮތަށް ބިލްޑިންގްތަކުން ކުދިކުދި ގޮޅި ވިއްކުމަކީ މަނާ ކަމެއް ނަމަވެސް މި ގޮޅިތަކުގެ ޑިމާންޑް ބޮޑުކަމުން މީހުން އެގޮތަށް ވިއްކަނީ އެވެ.
މީގެން އެންމެ އެޕާޓްމަންޓެއްގެ ވެރިންގެ ގޮތުގައި 15 ވަރަކަށް މީޙުން ތިބޭނެ އެވެ. ސަބަބަކީ އެހާ ގިނަ މީހުންނަށް އެންމެ އެޕާޓްމަންޓެއް ވިއްކާފައި ވުމެވެ. މި 15 މީހުން އެޕާޓްމަންޓު ބައިކޮށްގެން އެމީހަކަށް ވީ ގޮޅިއަކަށް އޭނާ ގެންގުޅޭ ހުރިހާ ސާމާނު ފެއްތޭތޯ ބަލަ އެވެ.
މީގެން ކުޑަ ގޮޅިއަކަށް އަންނަނީ ކިތަންމެ ގިނަ މީހުން ނަމަވެސް މުޅި އެޕާޓްމަންޓުގައި ހުންނަ ދެ ތިން ފާޚާނާގެ ބޭނުން ހުރިހާ އެންމެންނަށް ކުރަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ފާޚާނާތައް ވެސް ހުންނަނީ ވަރަށް މުޑުދާރުކޮށެވެ.
ހޮންގް ކޮންގްގެ ޔުނިވަސިޓީއެއްގެ ކިޔަވާ ދަރިވަރުން ހެދި ދިރާސާއަކުން ހާމަވި ގޮތުގައި މިގޮތަށް ގޮޅިގޮޅި ވިއްކާފައި ހުރި ކޮންމެ ބިލްޑިންގެއެއްގައި އެ ތަނެއްގައި ދިރިއުޅެން ހުއްދަ ކުރާ މިންވަރަށް ވުރެ ހަ ގުނަ އިތުރަށް މީހުން ދިރިއުޅެ އެވެ. މިއީ ބަލިމަޑުކަން ފެތުރުމާއި އަލިފާނުގެ ހާދިސާތައް ހިނގުން ގިނަ ވާ ސަބަބެކެވެ.
ހޮންގް ކޮންގްގެ ސަންދޯއް ގެ ތަކަކީ ސިއްހީ އާފާތެއްގެ ގޮތުގައި އދ. އިން ވެސް ސިފަ ކޮށްފައި ވެއެވެ. އަދި މިއީ އިންސާނުންގެ އިއްޒަތާއި ގަދަރަށް ކުރެވޭ މަލާމާތެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.