މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

އެމްއޯސީގެ ސެކެޓްރީ ޖެނެރަލްއަށް ތަމޫ

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީގެ) އާ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ) ހޮވައިފި އެވެ.

ތަމޫ އެމްއޯސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ހޮވާފައި ވަނީ އިއްޔެ ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. މި ބައްދަލު ވުމުގައި ތަމޫގެ އިތުރުން ހުސެއިން ރަޝީދު (ހުސެން) ވަނީ ފިނޭންސް ޑިރެކްޓަރަކަށް އައްޔަން ކޮށްފަ އެވެ. މި ދެ ބޭފުޅުން ވެސް މަގާމަށް ހޮވީ އެމްއޯސީގެ ހިންގާ ކޮމިޓީގެ ވޯޓުގެ ފުރިހަމަ ތާއީދާއެކު އެވެ.

ސެކެޓްރީ ޖެނެރަލްގެ މަގާމާއި ހަވާލު ވިއިރު، މިހާރު ތަމޫ ހުރީ އެމްއޯސީގެ ފަރާތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގައި އިންނަ މެމްބަރަކަށެވެ. ތަމޫ އަކީ ކުޅިވަރު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

އެގޮތުން ކުރީގެ ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ އެކި މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. މީގެ އިތުރުން 2009 ކުން 2011 އަށް އޭނާ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭމް) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ވެސް އަދާކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު އެމްއޯސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ތަމޫ އޭގެ ކުރިން 2015 އިން ފެށިގެން މަސައްކަތް ކުރެއްވީ އެމްއޯސީގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ގޮތުގަ އެވެ.

ތަމޫ އެމްއޯސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމާއި ހަވާލުވި އިރު، އެ މަގާމު ފާއިތުވި ތިން ދައުރުގައި ފުރުއްވާފައި ވަނީ އަހުމަދު މަރުޒޫގް (މަރޭ) އެވެ.

މީގެ އިތުރުން ފިނޭންސް ޑިރެކްޓަރުގެ މަގާމާއި އިއްޔެ ހަވާލުވެ ވަޑައިގެން ހުސެން ވެސް އެއީ ކުރީގެ ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ. ފާއިތުވި ތިން ދައުރު ހުސެން ވަނީ އެމްއޯސީގެ ހަޒާންދާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.