މެދުމިނުގެ އިސްލާމްދީނެއް އޮންނަ ކަމަށް ޕީޕީއެމުން ގަބޫލުނުކުރާ ކަމަށާ އިސްލާމްދީން އޮންނަނީ ﷲ ސުބްހާނަހޫ ވަަތައާލާ ބާވައިލެއްވި ގޮތަށް ކަމަށް ވިދާޅުވެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.
ޣައްސާންގެ ރައްދު އައީ ޕީޕީއެމްއިން ކްލަބްހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ބައްދަލްވުމުގައެވެ. ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުން ޣައްސާން ވިދާޅުވީ މެދުމިނުގެ އިސްލާމްދީނެއް އޮންނަ ކަމަށް ޕީޕީއެމުން ގަބޫލުނުކުރާ ކަމަށެވެ. އަދި އިސްލާމްދީން އެއީ ﷲ ސުބްހާނަހޫ ވަަތައާލާ ބާވައިލެއްވި ގޮތަށް އެއަށް ބަދަލެއް ނައިސް ދެމި އޮންނާނެ ދީނެއް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައި ނަޝީދު އިއްޔެ ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށެވެ. އޭގެ ފަހުން މިއަދު ވަނީ އެ ވާހަކަތައް އިތުރަށް ތަފްސީލުކޮށްދެއްވާ ޓްވީޓެއްވެސް ކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ "ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން" ކަމަށެވެ. އެކަން ކުރަން އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެއީ "އިންޑިއާ އައުޓް" ނުގޮވާ، "ހިސާން" ބިލަށް ތާއީދު ކުރާ، މިއުޒިކް ހަރާން ނުކުރާ، ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދަކަށް ވެސް ވާންޖެހޭ ކަމަށެވެ. އެމަނިކުފާނު ދެކެ ވަޑައިގަންނަވާ ގޮތުގައި ޕީޕީއެމާއި އެމްޑީޕީގެ ގިނަ މީހުން ތިބީ އެއްގޮތަކަށެވެ. އަދި ވިދާޅުވީ އަފްޣާނިސްތާނު އޮތް ހާލަތަށް ރާއްޖެ ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވީ ނަޝީދުގެ އެ ވާހަކަތަކަކީ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްވެސް އޮތީ އެ ޕާޓީއާއި ދިވެހި ރައްޔިތުން ބަލައިގެންފައިވާ ހަމައާއި އުސޫލުތައް ދޫކޮށްލާ ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.