ޣައްސާން މައުމޫން

ޔާމީން މިނިވަންކުރަން ސިއްރު "ޑީލެއް" ނެތް: ގައްސާން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށާ އެމަނިކުފާނު ޖަލުން މިނިވަންކޮށް ވެރިކަމަށް ގެންނާނީ ސިއްރުން "ޑީލް" ތަކެއް ހަދައިގެން ނޫން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގައްސާން މިހެން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް އިދިކޮޅުގެ ތާއީދު ލިބިފައިނުވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވުމުން އެކަމާއި ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރުމުގެ ގިނަ ކަންތައްތަކެއް ހިނގަމުންދާއިރު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތަށް އިދިކޮޅުން އެއްބާރުުލުން ނުދެނީވެސް އެކަމުގެ އަޑީގައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ތިއްބައިގެން ކަމަށް ދަނީ ވާހަކަދެކެވެމުންނެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ނެތް ކަމަށް ނަޝީދު ވިދާޅުވީވެސް އިދިކޮޅު ރުއްސާ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް ބުނެވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ގައްސާން މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށެވެ. އެމަނިކުފާނު ޖަލުން މިނިވަންކޮށް ވެރިކަމަށް ގެންނައުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕީޕީއެމް/ޕީއެންސީން ކުރަމުންދަނީ ވަރަށް ފާޅުގައި ކެރިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ސިއްރު 'ޑީލް' ތައް ހަދައިގެން ނޫން. އިންޝާﷲ، މި މަސައްކަތް ކާމިޔާބުވާނެ." ގައްސާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ދާދިފަހުން ރައީސް ނަޝީދު ދިވެހިން ލިޔުއްވާ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.

އެ މެސެޖްގައި ދެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.

"މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.