ޓައިވާންގެ މަޝްރަހަށް ޓޯކިޔޯ ފަރިތަވާން ޖެހޭ ކަމަށާއި ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް އިހުނަށް ވުރެ ބޮޑަށް ހޭލާ ތިބެންޖެހިފައިވާ ކަމަށް ޖަޕާންގެ އަހަރީ ޑިފެންސް ރިޕޯޓްގައި ބުނެފި އެވެ.
ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާގެ ކެބިނެޓްގެ ރުހުމާއެކު އާންމުކުރި އަހަރީ ދިފާއީ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޖަޕާނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާއާ އެމެރިކާގެ ވާދަވެރިކަމެވެ. ދެގައުމުން ކުރެ ގައުމަކުން ގޮތްދޫކުރަން ބޭނުނުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަ ގައުމަކީ ޖަޕާން ކަމަށް އޮތީ ބުނެފަ އެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ޗައިނާއާ އެމެރިކާ އެކުރަނީ ވެރިކަމަށް ކުރާ ހަނގުރާމައެއް ކަމަށާއި ސިނާޢީ ކޮންމެ މަސައްކަތެއްގައި ވެސް އޮތީ ގަދަބެލުން ކަމަށެވެ. އެއީ ޓެކްނޮލޮޖީ ކަމަށް ވި ނަމަވެސް ބޭސްވެރިކަން ކަމަށް ވި ނަމަވެސް ކޮންމެވެސް ބަޔަކު ކުރީގައި އުޅެންޖެހޭ ކަމަށާއި އެމެރިކާއާ ޗައިނާއިން ވެސް ބުނަނީ ގަދަބާރަކީ ތިމަންމެން ކަމަށެވެ.
ޖަޕާނުން މިމަހު ކުރީކޮޅު ބުނި ގޮތުން ޓައިވާނަށް އެހީވާން ޓޯކިޔޯ އޮތީ ތައްޔާރަށެވެ. ޗައިނާއިން ޓައިވާނަށް އަރައިގަތް ނަމަވެސް ޖަޕާނުން އެހީތެރިވެދޭނެ އެވެ. ޖަޕާންގެ މިބުނުމަށް ޗައިނާއިން ވަނީ ރައްދުދީފަ އެވެ. ޗައިނާއިން ބުނީ ޖަޕާން ވަރަށް ސިޔާސަ ވެއްޖެ ކަމަށާއި ވާހަކަދައްކަން ދަސްކޮށްފި ކަމަށެވެ.
ހޮންކޮންގްގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް އިޝާރާތްކުރައްވައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެމެރިކާ ވިޔަފާރިތައް ހިމާޔަތްކުރައްވާނެ ކަމަށާއި ވިޔަފާރިވެރިން ވެސް ވިސްނައިގެން އުޅުން ބުއްދިވެރި ކަމަށެވެ.
ޗައިނާގެ ބާރުވެރިކަމާ ހެދި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ގެއްލުން ވެދާނެ ކަމަށާއި ވިޔަފާރިއާ ގުޅުން ހުރި ސިއްރު މައުލޫމާތުތައް ހޮންކޮންގް ސާވާތަކުގައި ރައްކާނުކުރަން ވައިޑަން ވަނީ އިރުޝާދުދެއްވާފަ އެވެ.
ޗައިނާއިން ބުނީ ޑިމޮކްރަސީގެ ނަމުގައި އެމެރިކާއިން ޗައިނާއާ ތޮޅެއް ހަދައިފި ނަމަ ދެން ވެސް ގެއްލޭނީ މަސްލަހަތު ކަމަށެވެ.