ފިނިޕޭޖް

ރާޖޭޝް ކަންނާ ކައިރިން ޑިމްޕަލް ވަރިނުވީ ކީއްވެ؟

ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާ ކައިވެނިކުރީ 1973 ވަނަ އަހަރު އެވެ. އޭރު ރާޖޭޝް ކަންނާއަކީ ސުޕަސްޓާރެކެވެ. ޑިމްޕަލްގެ ފުރަތަމަ ފިލްމު "ބޮބީ" ޝޫޓިން އޭރު ކުރިޔަސް ދިޔަ ނަމަވެސް އޭނާ ކައިވެނި ކުރިކަން ފިލްމުގެ ޕްރޮޑިއުސަރުން ސިއްރު ކޮށްފައި ބޭއްވި އެވެ.

"ބޮބީ" ރިލީޒް ވުމާއެކު ވަރަށް ގިނަ ޒުވާން ފިރިހެން ކުދިންގެ ހިތްތައް ޑިމްޕަލް އަށް ދިނެވެ. އަދި ޑިމްޕަލްގެ ފޭނުންގެ އަދަދު އެތައް ހާސް ގުނައެއް އިތުރު ވެގެން ދިޔަ އެވެ. ނަމަވެސް ހުރިހާ ފޭނުން މާޔޫސް ކުރުވާފައި ޑިމްޕަލް ކައިވެނި އިއުލާންކޮށް ފިލްމު ކުޅުމާ ވެސް ދުރުވީ އެވެ. އޭނާ ފިލްމު ކުޅެން ފިރިމީހާ ގަބޫލު ނުވީމަ އެވެ.

ޑިމްޕަލް އަށް ވުރެ ރާޖޭޝް ކަންނާ 15 އަހަރު ދޮށްޓެވެ. ނަމަވެސް އެއީ ރާޖޭޝް ކަންނާ ދެކެ ޑިމްޕަލް ވާ ލޯތްބަށް އުނިކަން އައި ކަމަކަށް ނުވި އެވެ. މި ދެ މީހުންގެ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައި ވެއެވެ. ޓްވިންކަލް އާއި ރިންކީ އެވެ. ނަމަވެސް ކެރިއަރާއި ޒުވާންކަން ގުރުބާން ކުރުމަކުން ރާޖޭޝް ކަންނާގެ ހިތް ހަމައެކަނި ޑިމްޕަލް އަށް ހަދިޔާ ކޮށްފައި ބޭއްވުނު ސަބަބަކަށް ނުވި އެވެ. ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށީ އެހެން އަންހެނުންނާއި ރާޖޭޝް ކަންނާގެ ލޯބީގެ ގުޅުންތަކުގެ ވާހަކަތައް ގިނަ ގިނައިން ދެކެވެން ފެށުމާ އެކުގަ އެވެ.

އެންމެ ފަހުން ރާޖޭޝް ކަންނާގެ ގެއިން ނުކުމެގެން ޑިމްޕަލް ދިޔައީ އެވެ. ވަރި ނުވިޔަސް ވަކިވެގެންނެވެ.

ރާޖޭޝް ކަންނާ އާ ވަކިވުމަށް ފަހު ޑިމްޕަލް އަނެއްކާވެސް ފިލްމު ކުޅެން ފެށީ އެވެ. އޭނާގެ އެނބުރި އައުން ފާހަގަކުރީ ސަނީ ޑެއޯލް އާއެކު ކުޅުނު "މަންޒިލް މަންޒިލް" އިންނެވެ. އޭގެ ފަހުން ހަމަ ސަނީ އާއެކު "އަރްޖުން" އާއި "އާގް ކާ ގޯލާ" ވެސް ކުޅުނެވެ. މި ތިން ފިލްމުވެސް ވަރަށް ކާމިޔާބުވި އެވެ. އަދި ސަނީ އާއި ޑިމްޕަލްގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ.

މިކަން ފަޅާ އަރުވާލީ ސަނީގެ ކުރީގެ ލޯބިވެރިޔާ އަމްރިތާ ސިންގެވެ. ސަނީ އާއި އަމްރިތާ އަކީ "ބޭތާބު" އިން އެކުގައި ބޮލީވުޑަށް ތައާރަފްވީ ދެ އެކްޓަރުންނެވެ. އެ ފިލްމު ކުޅުނު ދުވަސްވަރު މި ދެ އެކްޓަރުންގެ މެދުގައި ވެސް ލޯބީގެ ގުޅުމެއް އޮތީ އުފެދިފަ އެވެ.

ޑިމްޕަލް އާއި ސަނީގެ ގުޅުމާ ބެހޭ ގޮތުން އަމްރިތާ ވަނީ އޭރު ނުކުތް ބައެއް ފިލްމީ މަޖައްލާތަކަށް އިންޓަވިއުތައް ވެސް ދީފަ އެވެ. އަމްރިތާ ބުނީ އޭނާގެ ކޭކު ޑިމްޕަލް އަތުލައިގެން ކާލައިފި ކަމަށެވެ.

އެންމެ ހެއްވާ ކަމަކީ އަމްރިތާ އާއި ރައްޓެހިވީއިރު ވެސް އަދި ޑިމްޕަލް އާ ގުޅުނުއިރު ވެސް ސަނީގެ އަންބެއް ހުންނަ ކަމެވެ. ނަމަވެސް އޭނާގެ ބައްޕަ ދަރުމެންދުރަ ފަދައިން ގޭގައި އަނބިމީހާ ބަހައްޓާފައި އެމީހުން އުޅެނީ ފިލްމު ސެޓުތަކުގައި ބަތަލާއިންނާ ލޯބިވެގެންނެވެ.

ސަނީ އާއި ޑިމްޕަލްގެ ގުޅުން ގާތްވެގެން ދިޔަ ދިޔައިނުން ގޮސް ޑީމްޕަލްގެ ދެ ދަރިން ކަމަށްވާ ޓްވިންކަލް އާއި ރިންކޭ ސަނީ އަށް ޗޯޓޭ ޕާޕާ (ކުޑަ ބައްޕަ) އޭ ކިޔާފައި މުޚާތަބު ކުރަން ފެށި އެވެ. އަދި މީގެ އަހަރުތަކެއް ކުރިން ޑިމްޕަލްގެ ކޮއްކޮ ސިމްޕަލް ކަޕާޑިއާ މަރުވުމުން ވެސް ޑިމްޕަލް ކައިރީގައި އޭނާއަށް ހިތްވަރުދޭން ހުރީ ސަނީ އެވެ. އަދި ދާދިފަހުން ވެސް މި ދެ އެކްޓަރުން ލަންޑަނުގައި ތިއްބާ ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް ލީކުވެފައި ވެއެވެ.

ރާޖޭޝް ކަންނާ މަރުވިއިރު ވެސް ޑިމްޕަލް އާއި އޭނާގެ ކައިވެނި ނުރޫޅެ އެވެ. ދެ މީހުން ވަކިން އުޅުނަސް ވަރިއެއް ނުކުރެ އެވެ. ޑިމްޕަލް ބުނަނީ އިތުރު މީހަކާ ކައިވެނި ކުރަން ބޭނުން ނުވާތީ ކޮންމެހެން ވަރި ކުރުމުގެ ބޭނުމެއް ނެތީމަ ވަރި ނުވީމަ ކަމަށެވެ. އަދި ކުދިންނަށް އެކުދިންގެ ބައްޕަ އާއި މަންމަ ވަކި ނުވާކަން ދައްކަން ބޭނުންވާތީ އެކަން ނުކުރީ ކަމަށެވެ. އެހެން ނޫންނަސް އެހެން މީހެއްގެ ފިރިއަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ކޮންމެހެން މިކަން މާ މުހިއްމެއް ވެސް ނޫންތާ އެވެ. ބޮލީވުޑް ތަރިންގެ ލޯބީގެ ވާހަކަތައް އެމީހުންގެ ފިލްމުތައްހާ ޝައުގުވެރިވެފައި ހެއްވައީ މިހެންވީމަ އެވެ.