ކޮވިޑް-19 ޖެހޭ ބައެއް މީހުންނަށް ކުއްލިއަކަށް ހަކުރު ބަލީގެ މައްސަލަތައް ކުރިމަތިވާކަމުގެ ޝަކުވާތައް ގިނަ ވެސް ސައިންސްވެރިން މިހާރުވަނީ މިކަމާ ގުޅޭ ދިރާސާއެއް ކޮށްފަ އެވެ. އަދި އިންޓަނޭޝަނަލް ޖާނަލް އޮފް އެންޑޮކްރައިނޮލޮޖީ އެންޑް މެޓަބޮލިޒަމްގައި މިހާރު ވަނީ މި ދިރާސާ ރިޕޯޓު ޝާއިއުކޮށްފަ އެވެ.
މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހޭ ބައެއް މީހުން ބަލިން ފަސޭހަވާއިރު ހަކުރުމަތިވާ ކަން ސައިންސްވެރިންނަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހެން ދިމާވަނީ ހަކުރުބަލި އާއްމުކޮށް ޖެހެން މެދުވެރިވާ ސަބަބުތައް ކަމަށްވާ އުމުރުން ދޮށިވުމާއި ހުންނަންވާ ވަރަށް ވުރެ ހަށިގަނޑު ފަލަވުމާއި އަދި އާއިލީ ގޮތުން މި ބަލި ވާރުތާވާ މީހުން ނޫން އެހެން މީހުންނަށް ކަން ވެސް ސައިންސްވެރިން ފާހަގަކުރި އެވެ.
މި ދިރާސާ ރިޕޯޓު ތައްޔާރު ކުރެއްވި ޑރ. ރުޖޫތާ ކަޓްކަރް ވިދާޅުވި ގޮތުގައި މި ދިރާސާގެ ތެރޭގައި ކޮވިޑް ޖެހުނު އަށް މީހެއްގެ ހާލަތު އެ ބޭފުޅުން ވަރަށް ރަނގަޅަށް ބެއްލެވި އެވެ. މިއީ އުމުރުން 37 އަހަރާއި 74 އަހަރާ ދެމެދުގެ މީހުން ކަމަށާއި މީގެން އެއްވެސް މީހެއްގެ އާއިލާގައި ހަކުރު ބަލި ވާރުތަވުން ނެތް ކަމަށާއި އެމީހުންނަށް ވެސް ކުރިން ހަކުރުބަލީގެ އެއްވެސް އުނދަގުލެއް ހުރިކަން ފާހަގަ ކުރެވިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި އެންމެންނަށް ވެސް ކޮވިޑް-19 ޖެހިފައި ރަނގަޅުވީއިރު ހަކުރުބަލި ޖެހިފައިވާ ކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެހެންވެ މި ބައްޔަށް މިހާރު ކިޔަނީ ކޮވިޑް ޑައިބެޓީސް އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ކުރިން އެއްގޮތަކަށް ވެސް ހަކުރުބަލީގެ މައްސަލަތައް ދިމާވެފައި ނެތް މީހުންނަށާއި ކުރިން ސުރެ އެ ބަލި ހުންނަ މީހުންނަށް ވެސް ކޮވިޑް ޖެހުމުން މި ކަން އެބަ މެދުވެރިވެ އެވެ. ކުރިން ބަލި ހުރިކަން ފާހަގަ ކުރެވޭ މީހުންނަށް ކުރިއަށް ވުރެ ބޮޑަށް ހަކުރު ކޮންޓްރޯލް ކުރަން ދަތިވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.
"މިގޮތަށް ދިމާވާ ވަނީ ކޮރޯނާވައިރަސް ހަށިގަނޑަށް ވަދެ ސެލްތައް ހަލާކުކުރާއިރު ބީޓާ ސެލްސް ހަލާކުވާތީ،" މުމްބައިގެ ބާޓިއާ ހޮސްޕިޓަލުގެ އެންޑޮކްރައިނޮލޮޖިސްޓް ޑރ. ޖުގަލް ގަޑާ ވިދާޅުވި އެވެ.
ޑރ. ޖުގަލް ވިދާޅުވީ މިއީ އިންޑިޔާ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. ދުނިޔޭގެ ހަކުރުބަލި ޖެހިފައިވާ އާބާދީގެ ބޮޑު ބައެއް ތިބީ އިންޑިޔާގައި ކަމަށް ވާތީ އެވެ. މި ބަލި ޖެހިފައިވާ ކޮންމެ ހަ މީހަކުން އެކަކީ އިންޑިޔާ މީހެކެވެ.
ޑރ. ޖުގަލް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ޕެންކްރިއަސްގައި ހުންނަ ބީޓާ ސެލްސްތައް ހަލާކުކޮށްލުމުން އިންސިއުލިން ރަނގަޅަށް އުފެއްދުމުގެ ގާބިލްކަން ކުޑަވުމުން ހަކުރު މައްޗަށް ދާން މެދުވެރިވަނީ އެވެ.
"ކޮވިޑަށް ފަރުވާ ކުރަމުންދާއިރު ބަލި މީހުން ތިބެނީ އެނދުމަތި ކޮށްފައި. އެހެންވެ އެމީހުންނަށް އެއްގޮތަކަށް ވެސް ހެލިފެލިވެއެއް ނޫޅެވޭ. އެމީހުން ކާ އެއްޗިއްސަށް ވުރެ ފިޒިކަލް އެކްޓިވިޓީޒް މަދުވޭ. މިއީ ލޭގައި ހަކުރު އެކުލެވޭ މިންވަރު އިތުރުވާން ދިމާވާ ސަބަބެއް،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯ ބުނާ ގޮތުން ހައިޕަގްލައިސީމިއާ ނުވަތަ ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމަކީ ހަކުރު ކޮންޓްރޯލް ނުކުރެވޭ ކަމުގެ ހެއްކެކެވެ. މިގޮތަށް ގިނަ ދުވަހު ހަކުރު މަތީގައި ހުންނަން ވެއްޖެނަމަ އެތެރެހަށީގެ ގުނަވަންތަކަށާއި ނާރުތަކާއި ލޭ ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.