ފިނިޕޭޖް

ޑެލިވަރީ ބޯއީއަކުން ބޮޑު ސްކްރީނަށް ހަރްޝްވަރުދަން ކުރި ދަތުރު

އެކްޓަރު ހަރްޝްވަރްދަން ރާނޭގެ "ހަސީން ދިލްރުބާ" ދާދި ފަހުން ވަނީ ނެޓްފްލިކްސް އިން ރިލީޒްކޮށްފަ އެވެ. ތާޕްސީ ޕަންނޫ އާއި ވިކްރާންތު މެސީ އާއެކު އޭނާ ކުޅުނު މި ފިލްމު ބެލި ގިނަ މީހުންގެ ތައުރީފު ލިބުނީ ވެސް ހަރްޝްވަރްދަން އަށެވެ.

ނަމަވެސް ފިލްމު ކުޅެން ފުރުސަތު ލިބުމުގެ ކުރިން ޑެލިވަރީ ބޯއީ އެއްގެ ގޮތުގައި ހަރްޝްވަރްދަން މަސައްކަތް ކުރިކަން އެނގޭ ހެއްޔެވެ؟ ހަރްޝްވަރްދަން ވަނީ 2004 އާ ހަމައަށް ޑެލިވަރި ބޯއީއެއްގެ ގޮތުގައި އުޅެފަ އެވެ. އެ އަހަރު އޭނާ އެކްޓަރު ޖޯން އަބްރަހަމަށް ހެލްމެޓެއް ވެސް ޑެލިވާ ކޮށްދީފައި ވެއެވެ.

އިއްތިފާގުން ހަރްޝްވަރްދަންގެ އާ ފިލްމު ޕްރޮޑިއުސް ކުރަނީ ވެސް ޖޯން އެވެ. "ތާރާ ވާސަސް ބިލާލް" ނަމަކަށް ކިޔާ މި ފިލްމު ޑައިރެކްޓް ކުރަނީ ސަމަރް ޝައިކް އެވެ. ބަތަލާ އަކީ އަންގިރާ ދާރް އެވެ.

އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ހަރްޝްވަރްދަން ބުނި ގޮތުގައި 2004 ގައި އޭނާ ޑެލިވަރީ ބޯއީ އަކަށް އުޅުނުއިރު ޖޯން އަށް ހެލްމެޓެއް ޑެލިވާ ކުރި އެވެ. އަދި އެ ދުވަހު އޭނާއަށް ޖޯން އާ ބައްދަލުވީއިރު ޖޯންގެ ހައިބަތު ފެނިފައި ހިތް ބިރުގަނެ، އަޖައިބު ވިއެވެ. އަދި މިއަދާ ހަމައަށް ވެސް ބައްދަލުވާ ހަމަ ކޮންމެ ފަހަރަކު ވެސް ހަމަ އެކަހަލަ އިހްސާސްތަކެއް ކުރެވެ އެވެ.

"މިހާރުވެސް އޭނާ އައިސް އަހަރެންގެ ކޮނޑުގައި އަތް ޖައްސާލިޔަސް އަހަރެން ހުންނަނީ ވަރަށް ބިރުން. ހިތަށް އަރާ އަވަހަށް ދާނެ ނަމައޭ،" ހަރްޝްވަރްދަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޖޯން އަށް އޭނާ އަބަދުވެސް މުޚާތަބު ކުރަނީ ސާ އޭ ކިޔާފަ އެވެ.

"އޭނަ [ޖޯން] ބުނާނެ ސާ އޭ ނުކިޔާށޭ. އެކަމަކުވެސް އެހެން އެއްޗެއް އަހަންނަކަށް ނުކިއޭ. ހަނދާން ވަނީ ހަމަ ޑެލިވަރީ ބޯއީގެ ގޮތުގައި ފުރަތަމަ ބައްދަލުވީ ދުވަހު ފެނުނު ޖޯންގެ ހައިބަތު. އޭރު އަހަރެން ހުންނަނީ ބޮލުގަ ގަދަޔަށް ތެޔޮ ލާފަ. މުޅި މޫނުގައި އޮންނަނީ އޮށާޅަ. ހަޑި ސައިކަލުގަނޑެއްގަ އުޅެނީ. އޭނައާ ބައްދަލުވާއިރު ތަންކޮޅެއް ރީތިކޮށް ހުންނަން އޭގެ ފަހުން ވަރަށް މަސައްކަތް ކުރިން. ނަމަވެސް އަހަންނަކަށް އެކަމެއް ނުވި. ހިއެއް ނުވޭ މި ހަޔާތުގައި އެކަން ވާނެހެނެއް،" ހަރްޝްވަރްދަން ބުންޏެވެ.

ޖޯންގެ އާ ފިލްމަށް ހަރްޝްވަރްދަންގެ ނަން ރިކޮމެންޑް ކުރީ ވެސް ޖޯން އެވެ. ޖޯން ގަބޫލުކުރާ ގޮތުގައި ހަރްޝްވަރްދަން އަކީ އެކްޓްކުރުމުގެ ގާބިލްކަން ވަރަށް މޮޅަށް ލިބިފައިވާ ހުނަރުވެރި އެކްޓަރެކެވެ. އަދި ސީރިއަސް ރޯލުތަކާއި އެކްޝަން ރޯލުތައް ހަރްޝްވަރްދަނަށް މޮޅަށް ކުޅެވޭނެ ކަމަށް ޖޯން ދެކެ އެވެ.

ހަރްޝްވަރްދަންގެ އިތުރު ފިލްމެއް ވެސް މިހާރު ފަށަން ދަނީ ތައްޔާރުވަމުންނެވެ. އެއީ ނިލޭޝް ސަހާއޭ ޑައިރެކްޓްކުރާ އެކްޝަން ފިލްމެކެވެ. އޭނާ ބުނި ގޮތުގައި މި ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.