ޗައިނާއިން ކޯވެކްސްއަށް 550 މިލިއަން ކޮވިޑް ވެކްސިން ފޯރު ކޮށްދޭން ނިންމައިފި އެވެ. ގްލޯބަލް އޭލިއަންސް ފޮ ވެކްސިން އެންޑް އިމިއުނައިޒޭޝަންއިން ބުނީ ޗައިނާގައި ކޮވިޑް ވެކްސިން އުފައްދާ ސިނޮވެކް އާއި ސިނޮފާމްއިން ކޮވިޑް ވެކްސިން ކޯވެކްސް ސަޕްލައި ކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ.
ގްލޯބަލް އޭލިއަންސް ފޮ ވެކްސިން އެންޑް އިމިއުނައިޒޭޝަންއިން ބުނީ ޗައިނާގެ ދެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ކަމަށާއި އަންނަ އަހަރު މެދުޖެހެން ވާއިރަށް 550 މިލިއަން ވެކްސިން ސަޕްލައިކޮށްދޭން އެދެކުންފުނިން އެއްބަސްވާ ކަމަށެވެ.
ކޯވެކްސް ޕްރޮގްރާމަށް ވެކްސިން ހޯދަން އިތުރު އެއްބަސްވުމަށް މިއާދެވުނީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ފެތުރިގަނެ ގައުމުތަކަށް ތައްކަތުނުވެދާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ. ގްލޯބަލް އޭލިއަންސުން ބުނި ވެކްސިން ލިބޭ ވަރަކުން ބަހަމުން ގެންދާނެ ކަމަށާއި ފުރަތަމަ ފިޔަވަހިގައި ލިބޭ 110 މިލިއަން އެެއްކޮށް ބަހާލާނެ ކަމަށެވެ.
ޗައިނާގެ ސިނޮފާމުން އެއްބަސްފައި ވަނީ 170 މިލިއަން އަދި ސިނޮވެކްއިން އެއްބަސްވީ 380 މިލިއަން ވެކްސިން ކޯވެކްސްއަށް ސަޕްލައިކުރުމަށެވެ.