ޝައިހް އަލީ ޒައިދު

ލާދީނީ ފިކުރު ރާއްޖޭގައި ދަނީ ބަލިވަމުން: ޒައިދު

ލާދީނީ ފިކުރު ރާއްޖޭގައި ދަނީ ބަލިވަމުން ކަމަށް ޝައިހް އަލީ ޒައިދު ވިދާޅު ވެއްޖެ އެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނީ ފިކުރު ރާއްޖޭގައި ބަލިވަމުންދާ ކަމަށާއި، މިއީ ހަމްދު ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި ޕީޕީއެމުން ލާދީނީ ފިކުރަށް ދީލާ ނުލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމުން އެ ދިމާއަށް ދީލާލައިފި ނަމަ އެ ޕާޓީ ވިއްސި ވިހާލި ވާނެ ކަމަށެވެ. އެކަން އެހެން ނުވާނެ ކަމަށް ވެސް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޝައިހް ޒައިދުގެ މި ޓްވީޓަކީ އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދާއި ޑީލް ނުހަދާނެ ކަމަށް ބުނުމުން އެކަމަށް ތާއީދު ކުރައްވާ ކުރައްވާފައިވާ ޓްވީޓެކެވެ.

ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖެ ސަލާމަތް ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީއަށް އާ އއިްތިހާދެއް ބޭނުންވާ ކަމަށާއި، އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދު ނުކުރާ، މިއުޒިކް ހަރާމް ނުކުރާ އަދި ރަސޫލާއާއި ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ދެން ކުރިއަށް ވަޑައިނުގެންނެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ރައީސް ޔާމީންގެ އެހީތެރިކަން ހޯއްދަވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވުމާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީ އަކީ ތަަރައްގީގެ ފިކުރު ގެންގުޅޭ ޕާޓީއެއް ކަމަށްވެފައި ރައީސް ނަޝީދުގެ އެމްޑީޕީ އަކީ ފަސާދަ ކުރާ ފިކުރެއް ކަމަށްވާތީ އެމަނިކުފާނާ އެކު ކުރިއަށް ދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.