ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަންކަން ޕޮލިސް ކުލަބު ހޯދައިފި އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ނަދީމްގެ ކޯޗުކަމުގައި ކުޅުނު ޕޮލިސް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އިހަވަންދޫ ޕޯލްސްޓާއާ ވާދަކޮށް 3-1ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައިނުވާ ޕޮލިސް މެޗުގެ ފުރަތަމަ ސެޓް ގެންދިޔައީ 16-25 އިންނެވެ. ދެ ވަނަ ސެޓް 25-18 އިން އިހަންވަންދޫ ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެ ސެޓް ޕޮލިސް ކާމިޔާބުކުރީ 18-25 އަދި 15-25އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ޓީމުގެ ތައިލެންޑް ކުޅުންތެރިޔާ ބުއާލީ ޖަރޮންސްލީ އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ މުހައްމަދު ނަދީމެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިހުގެ ސުހާނާ އަހުމަދާއި އައިޝަތު ޝައްފަ އާއި ހަދީޖާ އިބްރާހީމް އައި ނާޒިމާ އަބުދުލްވާހިދާއި ފާތިމަތު ތަހޫރާގެ އިތުރުން ދިއްދޫ ޓީނޭޖް ބޯއީސްގެ ހައްވާ ސަހާ އެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޖުވެނައިލްގެ އާމިނަތު އަރީޝާ އެވެ. 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއަކީ ދިއްދޫގެ ޓީނޭޖް ބޯއީސްގެ ފާތިމަތު ޖޫޒަން އެވެ.