އޭޕްރީލް މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހިތިބި މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ އޭޕްރީލް މަހު މާލޭގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ދެވަނަ ޑޯޒު ޖެހުމަށް މިހާރު އޮންލައިންކޮށް އެޕޮއިންޓްމެންޓް ދޫކުރަން ފަށާފައިވާ ކަމަށެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށް އެޗްޕީއޭ އިން ކުރިން ވަނީ ބުނެފަ އެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ޓޯކެން ދޫކުރާނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށެވެ. އެއްވެސް ވެކްސިން ސެންޓަރަކުން މިވަގުތު އޮންލައިންކޮށް ނުވަތަ އެޗްޕީއޭއިން އިސްވެ ގުޅިގެން ނޫން ގޮތަކަށް ވެކްސިން ޖެހުމަށް ޓޯކެން ދޫކުރަމުން ނުދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޝީލްޑް ވެކްސިން ޕްރަގްރާމް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފެށީ ކޮވިޝީލްޑް އާ ސްޓޮކެއް ލިބުމުންނެވެ. އެއީ އަމިއްލަ ފަރާތްތަކުން ހަދިޔާ ކުރި ވެކްސިން ސްޓޮކެކެވެ. މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހައި ދިނުން ވަގުތީ ގޮތުން ހުއްޓާލީ މެއި ހަތަރުވަނަ ދުވަހު އެވެ. ވެކްސިނަށް ރާއްޖެ ޖެހުނީ އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ވެކްސިން ފޯރުކޮށް ދިނުން ހުއްޓާލުމާއި ގުޅިގެންނެވެ.