އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުރި ސްޓެލްކޯގެ ބައެއް ޖަނަރޭޓަރުތަކުގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމަށް ބުނެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ފަންނީ އެހީތެރިކަމާ އެކު މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ މައްސަލާގައި އެންމެ ބޮޑަށް އަޑުއުފުލަމުން ގެންދާ ގ. ފެހިހިރިގޭގެ ވެރިފަރާތުންނެވެ.
މައްސަލާގައި އެދިފައިވަނީ ސްޓެލްކޯގެ ޖަނަރޭޓަރުތައް ނުވަތަ އެ މީހުން އެހެން ސަރަހައްދަކަށް ބަދަލުކުރުމާ އެކު އެ މީހުންނަށް ލިބެމުންދާ ގެއްލުމަށް ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ މައްސަލަ މީގެ ކުރިން ވަނީ ޔުޓިލިޓީ އޮތޯރިޓީ، އެޗްއާރްސީއެމް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ. މަޖިލީހުގެ ޖޮއިންޓް ކޮމިޓީ އަކުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ.
މައްސަލަ ބެލުމަށްފަހު އެޗްއާރްސީއެމުން ވަނީ ސްޓެލްކޯގެ ޖަނަރޭޓަރުތައް ބަހައްޓާފައި ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީގޮތުން އެކަށީގެންވާ މާހައުލެއް އެ ސަރަހައްދުގައި ނެތް ކަމަށް ނިންމާފަ އެވެ. އެހެންވެ އެޗްއާރްސީއެމްގެ ނިންމުމުގައި ވަނީ ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދެވިދާނެ ކަމަށްވެސް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތަށް އަންގާފަ އެވެ.
ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ މައްސަލާގައި އެކުންފުނިން މިހާތަނަށް ބުނީ މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ ގުޅާލައި ހިދުމަތް ދޭން ފެށުމުން މާލޭގައި ހުރި ބައެއް ޖަނަރޭޓަރުތައް ނިއްވާލާނެ ކަމަށެވެ. ނަމަވެސް އެކަން ކުރަން ފަށާނެ ވަކި ދުވަހެއް ބުނެފައެއް ނުވެ އެވެ.
އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އުސޫލުތަކުގައިވާ ގޮތުން އިންޖީނުގެ ހުންނަންވާނީ އެ ތަންތަނުން އަރާ ދުމުން އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގަ އެވެ.
ސްޓެލްކޯގެ ޖަނަރޭޓަރުތައް ހުރި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި ޖަނަރޭޓަރުތަކުން އަރާ ދުމުގެ ސަބަބުން އެ ސަރަހައްދުގެ ވައި ތަޣައްޔަރުވެ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ސިއްހީ ތަފާތު މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އަދި ޖަނަރޭޓަރުތަކުގެ ދުންހޮޅިތަކުން އަރާ ވިހަ ދުމުގެ ސަބަބުން އަބަދު ތިބެންޖެހެނީ ގޭގެ ދޮރުފަތްތައް ލައްޕައިގެންނެވެ. މީގެއިތުރުން ޖަނަރޭޓަރުތަކުން އުފައްދާ ވައިބްރޭޝަންގެ ސަބަބުން އިމާރާތުގެ ފާރުތަކުގައި ރެނދުލައި ގޭގައި ޖަހާފައި ހުންނަ ތަށިމުށި ތަކަށް ދަނީ ގެއްލުން ލިބެމުންނެވެ.