ސްޓެލްކޯ

ބައެއް ޖަނަރޭޓަރުތައް ނިއްވާލަން ތައްޔާރުވަނީ

އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުރި ސްޓެލްކޯގެ ބައެއް ޖަނަރޭޓަރުތައް ނިއްވާލަން ނިންމައިފި އެވެ.

އެގޮތަށް އަމަލު ކުރަން ސްޓެލްކޯ އިން ނިންމާފައި ވަނީ އެ ކުންފުނިން ހިދުމަތް ދޭން ބޭނުންކުރާ ޖަނަރޭޓަރު ތަކުގެ އަޑު ގަދަވުމާއި ދުންހޮޅިތަކުން އަރާ ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ސިއްހަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ ބައެއް މީހުން ދައުލަތުގެ ބައެއް އިދާރާތަކަށް މައްސަލަތަކެއް ހުށަހަޅާފައި ވަނިކޮށެވެ.

ސްޓެލްކޯއިން ބުނީ މާލެ - ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލައި، ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ މިންވަރަށް ބަލައި މާލޭގެ ބައެއް ޖަނަރޭޓަރުތައް ނިއްވާލެވިދާނެ ކަމަށެވެ. ސްޓެލްކޯ އިން ބުނާ ކަރަންޓް ވިއުގަ މިހާރު ވަނީ ގުޅާލާފަ އެވެ. އެކަމަކު ހުޅުމާލޭގެ އިންޖީނުގެއިން އަދި މާލެއަށް ރަސްމީކޮށް ކަރަންޓް ދިނުމުގެ ހިދުމަތް ފަށާފައެއް ނުވެ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ - ހުޅުމާލެ ކަރަންޓް ވިއުގަ ގުޅާލެވިފައިވާތީ އާންމުންނަށް އުނދަގޫވާ ކަމަށް ބުނާ ޖަނަރޭޓަރު ތަކުގެ މައްސަލައަށް ކޮންމެވެސް މިންވަރެއްގެ ހައްލުތަކެއް ހޯދައި ދެވޭނެ ކަމަށެވެ.

"ކަމާ ގުޅޭ ސެޓިންގްސް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ. އެއަށް ފަހު އެނަޖައިޒްކޮށް ކަރަންޓް ދޭން ފަށާނެ. އުނދަގޫ ވެގެން މައްސަލަ ޖައްސާފައިވާ ވމީހުންގެ ގެއާ ދިމާލަށް ހުރި އިންޖީނުތައް އޭގެ ފަހުން އަންނަ ހަފުތާގައި ނިއްވާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ" އެ އޮފިޝަލް ވިދާޅުވި އެވެ.

ސްޓެލްކޯގެ ޖަނަރޭޓަރުތަކުން އާންމުންނަށް އުނދަގޫވާ މައްސަލަ ބަލަނީ މަޖިލީހުގެ އެންވަޔަރަންމަންޓް ކޮމިޓީއާއި ސްޓޭޓް އޯން އެންޓަޕްރައިސް ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީ އަކުންނެވެ.

އާންމުންގެ ޝަކުވާތަކާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ވެސް ވަނީ ޖަނަރޭޓަރުތަކުން އާންމުންނަށް ދިމާވާ މައްސަލަތައް ބަލާފަ އެވެ. އޭގެ ފަހުން އެ އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްޓެލްކޯގެ ޖަނަރޭޓަރު ތަކުގެ މައްސަލައަށް އޮތް އަވަސް ހައްލަކީ އާންމުން ދިރިއުޅޭ ސަރަހައްދާއި ދާދި ގާތުގައި ބަހައްޓާފައިވާ ވަގުތީ އިންޖީނުތައް ހިންގުން ހުއްޓާލުން ކަމަށެވެ.

އިންޖީނުގޭގެ މައްސަލަ ހައްލު ކުރަން އެޗްއާރުސީއެމުން ވެސް މިހާރު ވަނީ ސްޓެލްކޯ އަށް އަންގާފަ އެވެ. ސްޓެލްކޯގެ އިންޖީނުގެ ހުރި ސަރަހައްދަށް އެޗްއާރްސީއެމްގެ ޓީމެއް ކުރި ޒިޔާރަތަކަށް ފަހު އެ ކޮމިޝަނުން ބުނީ ސްޓެލްކޯގެ ސަރަހައްދުގައި މީހުން ދިރި އުޅެން ސިއްހީ ގޮތުން ރައްކާތެރި ނޫން ކަމަށް ކަމަށެވެ. ޖަނަރޭޓަރުތަކުން ގިނަ އަދަދަކަށް ކަޅުދުން އެރުމާއި ތެޔޮ ވަހުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވެ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އިންޖީނުގެ އަޑުގަދަވުމުގެ ސަބަބުން އެޕާޓްމަންޓް ތަކުގެ ދޮރުހުޅުވައިގެން ގޭގައި ތިބުމަށް ދަތިވެފައިވެ އެވެ.

އެ މައްސަލައިގައި ލިބުނު ގެއްލުމަށް ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދެވިދާނެ ކަމަށްވެސް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތަށް އެޗްއާރްސީއެމުން އެންގި އެވެ.