ސްޓެލްކޯއިން މަގު ބަންދުކޮށް ޖަނަރޭޓަރު ބަހައްޓައިގެން އުޅޭތީ މަގު ހުޅުވާލަން އެންގުމުން އެގޮތަށް އަމަލު ކޮށްފައި ނުވާތީ އެކަމުގައި މާދަމާ ގޮތެއް ނިންމާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުގެ މެންބަރުން އެހެން ވިދާޅުވީ ސްޓެލްކޯއިން މަގު ބަންދު ކޮށް ޖަނަރޭޓަރުތައް ބަހައްޓައިގެން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އާއި އެންވަޔަރަންމަންޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެ އެވެ.
ކޮމިޓީގެ ބައްދަލުވުމަށްފަހު އަވަސް އަށް އިތުރު މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ މިއަދު ކޮމިޓީއަށް ހާޒިރު ކުރީ ސްޓެލްކޯއިން މާލޭގެ މަގުތަކެއް ބަންދުކޮށް ޖަނަރޭޓަރު ބަހައްޓައިގެން އުޅޭ މައްސަލައިގައި ކޮމިޓީން މައުލޫމާތުތަކެއް ސާފު ކުރަން ކަމަށެވެ.
ސިޓީ ކައުންސިލްގެ ނިމިގެން ދިޔަ ދައުރުގައި ވެސް ބަންދުކޮށްފައިވާ އެ މަގު ހުޅުވާލުމަށް އޮތީ އަންގާފަ އެވެ.
ނަރީޝް ވިދާޅުވީ އާ ކައުންސިލުން ވެސް މަގު ހުޅުވާލުމަށް އެކި ފަހަރު މަތިން އަންގާފައިވާނެ ކަމަށާއި ސްޓެލްކޯ އިން މާލޭގެ މަގެއް ބަންދުކޮށްގެން އުޅެނީ ސިޓީ ކައުންސިލުން އެއްވެސް އިރަކު ހުއްދަ ހޯދައިގެން ނޫން ކަމަށެެވެ.
"އަޅުގަނޑުމެންނަށް ހުއްދަ ހޯދި ކަމުގެ ލިޔުމެއް ކުރީ ކައުންސިލްގެ ލިޔުންތަކުން ވެސް ނުފެނުނު. އަޅުގަނޑުމެން މި ކައުންސިލްގައި އެފަދަ ހުއްދައެއް ނުދެން. އެހެންވެ އެ މަގު ހުސް ކުރަން އަންގާފައި ވަނީ،" ނަރީޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގު ހުސް ކުރަން އެންގި ހަތަރު ފަހަރު ވެސް އެގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެ ސްޓެލްކޯ އިން ޖަވާބުދީފައިވާ ކަމަށެވެ. އަދި މާލޭގައި ބޮޑު އާބާދީއެއް ދިރި އުޅޭތީ މިހާރު ބަންދުކޮށްފައި އޮތް މަގު ބޭނުން ކުރަނީ މާލޭ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ޖަނަރޭޓަރު ބަހައްޓަން ކަމަށް ސްޓެލްކޯ އިން ބުނާ ކަމަަށެވެ. އެކަމަކު ހުޅުމާލެ އާއި މާލޭގެ ކަރަންޓް ވިއުގަ އެއް ވިއުގަ އަކުން ގުޅާލާފައިވާތީ މާލޭގެ މަގެއްގެ މަތީގައި ސްޓެލްކޯ އިން ޖަނަރޭޓަރުތަކެއް މިހާރު ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ނަރީޝް ފާހަގަ ކުރެއްވި އެވެ.
ސްޓެލްކޯއިން މަގު ބަންދު ކޮށްގެން ޖަނަރޭޓަރުތަކެއް ބަހައްޓައިގެން އުޅެނީ މާލޭގެ ދެ މަގެއްގަ އެވެ. ގަލޮޅު މާފީނީ މަގާއި އިތުރު މަގެކެވެ. މީހުން ދިރިއުޅޭ ސަރަހައްދާއި 200 ފޫޓް ކައިރީގައި ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓުގެ ހިދުމަތް ދިނުމަކީ ޔުޓިލިޓީ އޮތޯރިޓީން މަނާކުރާ ކަމެކެވެ.
ނަރީޝް ވިދާޅުވީ ސްޓެލްކޯއިން މަގު ބަންދު ކޮށްގެން އުޅޭ މައްސަލައާ ގުޅިގެން މާދަމާ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ކައުންސިލުން ދެން އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ. މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ސިޓީ ކައުންސިލުން ނިންމާ ގޮތެއް މަޖިލީހާ ހިއްސާކުރަން އެދިފަ އެވެ.