ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ދުންހޮޅިތައް އުސް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.
އިންޖީނުތަކުގެ ސަަބަބުން މައި އިންޖީނުގެއާ ކައިރީގައި އުޅޭ މީހުނަށް ދިމާވާ ދަތީގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ. އަދި އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ހަތް ކަމެއް ކުރަން އަންގަން ހުށަހަޅާފައި ވެއެވެ.
އެ ރިޕޯޓް ފާސްކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 35 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
މަޖިލީހުން ފާސްކުރި ނިންމުންތައް
- ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުން
- ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން
- ސަރަހައްދުގައި ދިރިއުޅޭ މީހުނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމަން އެދުން
- ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބަލަން ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން
- ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި މވައްޒަފުން ތަމްރީނު ކުރުން
- މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ނިންމަން މަސައްކަތް ކުރުން
- ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން
- ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުން
- އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
ޖެނެރޭޓަރުތައް ހުންނަ ސަރަހައްދުގައި އުޅޭ މީހުން ބުނެފައިވާ ގޮތުގައި ޖަނަރޭޓަރުތަކުގެ އަޑާއި ދުމާއި ވަހާއި ވައިބްރޭޝަންގެ ސަބަބުން ސިއްހީ، ނަފްސާނީ، އަދި ޖިސްމާނީ އެތައް ގެއްލުންތަކެއް އެ މީހުންގެ އާއިލާތަކަށް ދަނީ ލިބެމުން ނެވެ. އަދި މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލައި ހިދުމަތް ދޭން ފެށި ފަހުން ވެސް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައި ބަހައްޓާފައިވާ ބައެއް ޖަނަރޭޓަރުތައް ޖައްސާ ކަމަށެވެ.