ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއާއި އެންވަޔަރަންމަންޓް ކޮމިޓީގެ މެންބަރުން ސްޓެލްކޯ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި އެވެ.
ދެ ކޮމިޓީ ގުޅިގެން މިއަދު ހެނދުނު ބޭއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ މަޖިލީހުގެ އިދާރާގަ އެވެ.
ކޮމިޓީއަށް ހާޒިރުވި މީހުން ބުނީ ޖަނަރޭޓަރުތަކުގެ އަޑާއި ދުމާއި ވަހާއި ވައިބްރޭޝަންގެ ސަބަބުން ސިއްހީ، ނަފްސާނީ، އަދި ޖިސްމާނީ އެތައް ގެއްލުންތަކެއް އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ވަމުންދާ ކަމަށެވެ. މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލައި ހިދުމަތް ދޭން ފެށި ފަހުން ވެސް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައި ބަހައްޓާފައިވާ ބައެއް ޖަނަރޭޓަރުތައް ޖައްސާ ކަމަށެވެ. މިއަދު ވެސް ދެ ޖަނަރޭޓަރެއް ޖެއްސި ކަމަށް އެ މީހުން ބުނެފައިވެ އެވެ. އެހެންވެ ބޭނުންވަނީ ދާއިމީ ހައްލެއްގެ ގޮތުން ސްޓެލްކޯ ހިމެނޭ ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުވާން ކަމަށްވެސް އެ މީހުން ބުންޏެވެ.
ކޮމިޓީގައި ވާހަކަ ދެއްކި މީހުން ބުނީ މާލެއަށް ކަރަންޓު ބޭނުންވާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާއިރު ޑިމާންޑާއި އެއްވަރަށް ސްޓެލްކޯ އިން ހިދުމަތް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ދިމާވެފައިވާ ދާއިމީ ހައްލަކަށް ވާނީ ސްޓެލްކޯގެ އިންޖީނުތައް ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދަކަށް ބަދަލުކުރުން ކަމަށްވެސް ތަކުރާރުކޮށް ބުންޏެވެ.
އެ މީހުން އިތުރަށް ބުނީ ރައީސް މައުމޫންގެ ދައުރުން ފެށިގެން ސްޓެލްކޯގެ އިންޖީނުތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިއަދާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެހެންވެ ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް އެކި ގޮތްގޮތުން ލިބެމުންދާ ގެއްލުމަށް ހުރިހާ ސަރުކާރަކުން ވެސް ޒިންމާވާންޖެހޭނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
ކޮމިޓީއަށް ހާޒިރުވި މީހުންގެ ޝަކުވާތަކާ ގުޅިގެން އެ ވަގުތު ކޮމިޓީގައި ތިއްބެވި ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވީ އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ބަހައްޓާފައިވާ ވަގުތީ އިންޖީނުތަކާއި ކުދި އިންޖީނުތައް މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެތަނުގައި ހުރި އިންޖީނުތަކުގެ ތެރެއިން މިހާރު ބޭނުންކުރަނީ ދެ އިންޖީނު ކަމަށްވެސް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ކޮމިޓީން ވަނީ ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކޮށްގެން މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ކޮމިޓީން މަސައްކަތް ކުރުމަށް ނިންމާފަ އެވެ.