ސްޓެލްކޯ

އިންޖީނުތަކުގެ މައްސަލަ ހައްލުކުރަން ހަތް ހުށަހެޅުމެއް

ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް އެ މައްސަލަައަށް ހައްލެއް ހޯދުމަށް ހަތް ކަމެއް ކުރުމަށް ލަފާދީފި އެވެ.

އިންޖީނުތަކުގެ ސަަބަބުން އެތަނާ ކައިރީގައި އުޅޭ މީހުންނަށް ދިމާވާ ދަތި އުނދަގޫތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެވެ. އަދި އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން ބެލުމަށް ފަހު މިއަދު ވަނީ މައްސަލައިގެ ދިރާަސީ ރިޕޯޓް އެކުލަވާލައި ފާސްކޮށްފަ އެވެ.

ސަބް ކޮމިޓީގެ ހުށަހެޅުންތައް

  • ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުން. އަދި ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން.
  • ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމުމަށް އެދުން.
  • ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބެލުމަށް މޮނީޓާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން. އަދި ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި އެކަމަށް މުވައްޒަފުން ތަމްރީނު ކުރުން.
  • މުސްތަގްބަލުގައި މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ސުންގަޑިތަކަށް ނިންމުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން، ބަދަހިކޮށް މަސައްކަތް ކުރުން.
  • ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން.
  • ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުން.
  • އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

ޖެނެރޭޓަރުތައް ހުންނަ ސަރަހައްދުގައި އުޅޭ މީހުން ބުނެފައިވާ ގޮތުގައި ޖަނަރޭޓަރުތަކުގެ އަޑާއި ދުމާއި ވަހާއި ވައިބްރޭޝަންގެ ސަބަބުން ސިއްހީ، ނަފްސާނީ، އަދި ޖިސްމާނީ އެތައް ގެއްލުންތަކެއް އެ މީހުންގެ އާއިލާތަކަށް ދަނީ ލިބެމުން ނެވެ. އަދި މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލައި ހިދުމަތް ދޭން ފެށި ފަހުން ވެސް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައި ބަހައްޓާފައިވާ ބައެއް ޖަނަރޭޓަރުތައް ޖައްސާ ކަމަށެވެ.