ސްޓެލްކޯ

އިންޖީނުގެ ސަރަހައްދުގެ ރަށްވެހިންނަށް ގޯތި ދެނީ

ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ ސަބަބުން ގެއްލުންވަމުންދާ އާއިލާތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މާލެއިން ނުވަތަ ހުޅުމާލޭން ގޯތި ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލު ވުމުގަ އެވެ.

ސިޓީ ކައުންސިލުން އެކަން އިއުލާނު ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ސްޓެލްކޯގެ ޖަނަރޭޓަރުތަކުން ގެއްލުން ވަނީ އެ ޖަނަރޭޓަރުތަކާ އެންމެ ކައިރި އަށް ހުންނަ ގ. ފެހިހިރި އާއި ގ. ރަސްރޯނު ހިމެނޭ ގޮތަށް ހުންނަ ފަސް ގެއަކަށް ކަމަށް ކައުންސިލުން ބުނެ އެވެ.

ސްޓެލްކޯ ޖަނަރޭޓަރުތަކުން ނިކުންނަ އަޑާއި ވަހާއި ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ކަނޑައަޅާފަ އެވެ. އަދި އެހެން ސަރަހައްދަކުން ގޯތި ދޭން ނިންމާފައި މި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުނަށް ހައްލެއް ހޯދައިދިނުމަށް އެ މައްސަލަ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ހުށަހަޅުއްވާފައިވާ މައްސަލައިގެ މަސައްކަތް މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ދަނިކޮށެވެ.

ސްޓެކޯއިން މާލޭގެ ދެ މަގެއް ބަންދުކޮށްގެން ޖެނެރޭޓަރުތައް ބަހައްޓައިގެން އުޅޭ މައްސަލަވެސް ސިޓީ ކައުންސިލުން ދަނީ ބަލަމުން ނެވެ. މަގު ހުސް ކުރަން އެންގި ހަތަރު ފަހަރު ވެސް އެގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެ ސްޓެލްކޯ އިން ވަނީ ޖަވާބުދީފަ އެވެ. އަދި މާލޭގައި ބޮޑު އާބާދީއެއް ދިރި އުޅޭތީ މިހާރު ބަންދުކޮށްފައި އޮތް މަގު ބޭނުން ކުރަނީ މާލޭ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ޖަނަރޭޓަރު ބަހައްޓަން ކަމަށް ސްޓެލްކޯ އިން ބުނާ ކަމަަށް ކައުންސިލުން ބުނެ އެވެ. އެކަމަކު ހުޅުމާލެ އާއި މާލޭގެ ކަރަންޓް ވިއުގަ އެއް ވިއުގަ އަކުން ގުޅާލާފައިވާތީ މާލޭގެ މަގެއްގެ މަތީގައި ސްޓެލްކޯ އިން ޖަނަރޭޓަރުތަކެއް މިހާރު ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ނަރީޝް ފާހަގަ ކުރެއްވި އެވެ.

ސްޓެލްކޯއިން މަގު ބަންދު ކޮށްގެން ޖަނަރޭޓަރުތަކެއް ބަހައްޓައިގެން އުޅެނީ މާލޭގެ ދެ މަގެއްގަ އެވެ. ގަލޮޅު މާފީނީ މަގާއި އިތުރު މަގެކެވެ. މީހުން ދިރިއުޅޭ ސަރަހައްދާއި 200 ފޫޓް ކައިރީގައި ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓުގެ ހިދުމަތް ދިނުމަކީ ޔުޓިލިޓީ އޮތޯރިޓީން މަނާކުރާ ކަމެކެވެ.