ވީއޭއެމް

"އަޅުގަނޑު އަބަދުވެސް ހުންނާނީ ވޮލީއާއެކު"

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިސްތިއުނާފް މައްސަލައިގައި ކުރިއަށް ނުދާން ނިންމާ، ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފު، އަބަދުވެސް ހުންނާނީ ވޮލީ އާއެކު ކަމަށް އޭނާ ބުނެފި އެވެ.

އިސްތިއުނާފު މައްސަލަ ކޯޓުން ނެގުމަށްފަހު އެކަން ހާމަވާ ލިޔުމާއި އެކު ލަތީފް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މައްސަލަ ކޯޓުން ނެގީ ވީއޭއެމްގެ މިހާރުގެ ހިންގާ ކޮމެޓީއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ސަރުކާރުން މިނިސްޓަރު މަހްލޫފް އިއުލާނު ކޮށްފައިވާ މާލެ އޭރިއާގައި އަޅާ އިންޑޯ ސްޓޭޑިއަމް އާއި އައުޓްޑޯ ވޮލީ ކޯޓުގެ ޑިޒައިން ފެނުމުން އެކަމަށް މަރުހަބާ ކިއުމުގެ ގޮތުން ކަމަށެވެ.

މިކަމާއި ގުޅިގެން އަވަސް އަށް މައުލޫމާތު ދެމުން ލަތީފް ބުނީ އޭނާ ހުންނާނީ އަބަދުވެސް ވޮލީއާއި އެކު ކަމަށާއި، އޭނާގެ މި ނިންމުމަކީ ވީއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީއަށް އެއްވެސް ދަތިތަކެއް ކުރިމަތި ކުރުވަން ބޭނުން ނުވާތީ ނިންމި ނިންމުމެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން ވޮލީބޯޅަ ކުރިއަރުވަން ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަން ފާހަގަ ކުރި އެވެ.

މި މައްސަލަ އަކީ ވީއޭއެމްގެ ރައީސް ކަމުގައި ލަތީފު ހުރި އިރު ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ދެކޮޅަށް ލަތީފު ހުށަހެޅި މައްސަލައެކެވެ. ލަތީފް މިމައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ ވީއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާއި ހަވާލު ކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް މީގެ ކުރިން އެންގީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެވެ. ނަމަވެސް ސިވިލް ކޯޓުން އެކަމުގައި ގާނޫނާއި ހިލާފަށް ކަމެއް ހިނގާފައި ނެތް ކަމަށް ނިންމުމުން ލަތީފު ވަނީ އެމައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފަ އެވެ.

މިހާރު ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަން ކުރަމުން އަންނަ ލަތީފް ވީއޭއެމްގެ ރައީސް ކަމުގައި ހުރިއިރު ވީއޭއެން އުވާލައި ނޯމަލައިޒިން ކޮމިޓީ އާއި ވީއޭއެމްގެ މަސައްކަތްތައް ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އަޙްމަދު ސަލީމް (ހީނާ) ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން 10 ގަ އެވެ. ނަމަވެސް އެފްއައިވީބީގެ އިންޒާރާއެކު އެކޮމިޓީ ވަނީ އުވާލާފަ އެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އުވާލެވޭނީ ދެހާލަތެއްގައި ކަމަށް ވާއިރު، އެ ދެހާލަތުން ކުރެ ހާލަތެއް މެދުވެރި ވެފައި ނުވާ ކަމަށް އޭރު މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު ލަތީފު ބުންޏެވެ.