އެންތަނީ ބްލިންކެން

މިއަންމާގެ ހާލަތާ މެދު އާސިއާނުން ވިސްނަންޖެހޭ: އެމެރިކާ

ބަރުމާ / މިއަންމާގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް މައިތިރިކޮށް ސުލްހަ ގާއިމު ކުރުމަށް އެސޯސިއޭޝަން އޮފް ސައުތުއީސްޓް ނޭޝަންސް (އާސިއާން) ގައުމުތަކުން ބާރުއަޅަން ޖެހިފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އާސިއާން 10 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއެކު ބޭއްވި އިންޓަނެޓް ބައްދަލު ވުމެއްގަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި މިއަންމާގެ ހާލަތާ ބެހޭ ގޮތުން ބުނެފައި ވަނީ އާސިއާން ގައުމުތަކުން މުރާލިވާން ޖެހިފައިވާ ކަމަށާއި މިއަހަރު ފެބްރުއަރީގައި އަސްކަރިއްޔާއިން ހައްޔަރު ކޮށްފައި ތިބި އާންމުން ސަލާމަތް ކުރަން ބިރު ކަނޑާލަން ޖެހޭ ކަމަށެވެ.

އޭޝިއާ ބައްރުގައި އާސިއާނުން މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށް ބްލިންކެން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރަހައްދީ ބާރެއް ގޮތުގައި އޮވެ މެންބަރު ގައުމުތައް ސުލްހަ ކުރަން އިސްވާން ޖެހޭނީ ވެސް އާސިއާނުން ކަމަށެވެ.

މިއަންމާގައި ހިނގާ ހަމަނުޖެހުންތައް ހުއްޓާލަން ގޮވާލައި އާސިއާން ލީޑަރުން ފަސް ނުކުތާއަކަށް ބާރު އަޅައި އެއްބަސްވުމެއް މިއަހަރު އޭޕްރީލްގައި އެކުލަވާލި އެވެ.

އެއްބަސްވުން ބުނާ ގޮތުން ޝަރުތަކާ ނުލައި އަސްކަރިއްޔާއިން ހަމަނުޖެހުންތައް ހުއްޓާލަން ޖެހެ އެވެ. ހަމަނުޖެހުމަކަށް މަގުފަހި ކޮށްފާނެ އެންމެހައި ހަރަކާތަކުން ހުރިހާ އެއްންމެން، އާންމުން ވެސް ހިމެނޭ ގޮތުން، ދުރުހެލިވުމާއި އަސްކަރިއްޔާއާ މަދަނީ ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައި އަމާން ވެއްޓަކަށް އަމާޒު ހިފަން ޖެހެ އެވެ.

ރާކީން ސްޓޭޓްގައި މުސްލިމުންނަށް ކުރާ އަނިޔާއާ މެދު ކަންބޮޑުވާ ކަމަށް އާސިއާން ބަޔާނުގައި ވެއެވެ. ގައުމު ދޫކޮށް ގޮސްފައިވާ ރޮހިންޔާ އާބާދީ އަނބުރާ މިއަންމާއަށް ގެންނަން ޖެހިފައިވާ ކަމަށާއި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.

ބްލިންކެންގެ ވީޑިއޯ ކޮންފަރެންސްއަކީ އާސިއާން ގައުމުތަކުގައި ޗައިނާ ބާރުގަދަ ކުރަމުން ގެންދާތީ އެމެރިކާއިން ދޭތެރެއަށް ވަދެގަތުމަށް އަޅާލި ސުރުހީ އެކެވެ. އާސިއާން ގައުމުތަކަށް ޗައިނާއިން ކޮވިޑް ވެކްސިނާއި އިތުރު އެހީތައް ފޯރު ކޮށްދެމުން ގެންދާއިރު އެމެރިކާ އުޅެނީ ލޮލުކޮޅަށް ނުފެންނަހާ ދުރުގަ އެވެ.