ފްރާންސްގެ ނޫހެއް ކަމަށް ވާ "ޗާލީ ހެބްދޯ" އިން ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫނު ކުރެހި މައްސަލަ ރައީސް އަބްދުﷲ ޔާމީން މިއަދު ކުށްވެރި ކުރައްވައިފި އެވެ.
ރައީސް ޔާމީނާ ހަވާލާ ދެއްވައި، ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ނޫހުގެ އެ އަމަލުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންގެ ހިތްތަކުގައި ނަފްރަތު އުފެދި، އެކަމުގެ ސަބަބުން ހަރުކަށި ވިސްނުމާއި ޓެރަރިސްޓް އަމަލުތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ފިތުނަ އުފެއްދުމާއި އިސްލާމް ދީނާ ޚިލާފް ކަންތައްތައް ފަތުރަން ދެވޭ ހުއްދައެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ރައީސް ވިދާޅުވެފައިވެ އެވެ.
"އިންސާނުންގެ އާބާދީގެ ތިން ބައި ކުޅަ އެއް ބައި މީހުންގެ އަގީދާއަށް ކުރެވޭ ފުރައްސާރައަކީ އެއްވެސް މުޖްތަމައަކުން ނުވަތަ އެއްވެސް ސަރުކާރަކުން ބަލައިގަނެގެން ވާނެ ކަމެއް ނޫން، އޭގެ ބަދަލުގައި މިފަދަ ކަންތައްތައް ހުއްޓުވަން މިފަދަ ޖަރީމާތައް ހިންގާ މީހުންނާ މެދު އަވަހަށް ފިޔަވަޅު އަޅަންޖެހޭ." އެ ބަޔާނުގައި ރައީސް ވިދާޅުވެފައިވެ އެވެ.
ޗާލީ ހޭބްދޯ ނަމަކަށް ކިޔާ ނޫހުން ފުރަތަމަ ފަހަރަށް ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫނު ކުރަހާފައި ވަނިކޮށް އެ ނޫހުގެ އިދާރާއަށް ބަޔަކު ބަޑިން ހަމަލާދީ އެ ނޫހުގެ އިސްވެރިންނާ އެކު 12 މީހަކު ވަނީ މިމަހު ކުރީކޮޅު މަރާލައިފަ އެވެ. އެ ހަމަލާގެ ޒިންމާ އަލްގައިދާއިން ނަގާފައިވާއިރު އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އެ ނޫހުން ދެވަނަ ފަހަރަށް ވެސް ވަނީ ރަސޫލާއަށް ޖޯކު ޖަހައި ކާޓޫނު ކުރަހައިފަ އެވެ.